ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ރަންވީރު ސިންގް މުހިންމު ރޯލަކުން ފެނިގެންދާ އާ ތުރިލާ ފިލްމު ”ޕްރަލޭ“ ގެ ޝޫޓިން މިއަދު ރަސްމީކޮށް މުމްބާއީގައި ފަށައިފިއެވެ.
މި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު ހެންސަލް މެހެތާގެ ދަރިފުޅު ޖޭ މެހެތާ ޑައިރެކްޓްކުރާ ފިލްމެކެވެ. ދެ ބަޔަކަށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ”ޕްރަލޭ“ އަކީ ހެންސަލްގެ ފިލްމު ކުންފުނި ”ޓުރޫ ސްޓޯރީ ފިލްމްސް“ އާއި ޕްރޮޑިއުސަރު އަނަންޔާ ބިރްލާގެ ”ބިރްލާ ސްޓޫޑިއޯސް“ ގެ އިތުރުން ރަންވީރުގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ”މާ ގަސަމް ފިލްމްސް“ ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
މުމްބާއީގައި ފިލްމުގެ ފުރަތަމަ މަންޒަރުތައް ނަގަން ފަށާފައިވާއިރު، މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަ މަހުގެ ތެރޭގައި ފިލްމުގެ ކާސްޓާއި ކްރޫ އިތުރު ޝެޑިއުލްއަކަށް އޮސްޓްރޭލިއާ އަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ބޮލީވުޑްގެ ފިލްމަކަށް އަލަށް ސޮއިކުރި ކަލިއާނީ ޕްރިޔަދަރުޝަނެވެ. އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ މިހާރުގެ ނުފޫޒު ގަދަ ބަތަލާއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކަލިއާނީ އަކީ މަޝްހޫރު ޑައިރެކްޓަރު ޕްރިޔަދަރުޝަންގެ ދަރިއެކެވެ. އޭނާއަކީ އިންޑިއާގެ ފުރަތަމަ އަންހެން ސުޕަހީރޯ ފިލްމު ކަމަށްވާ، މިދިޔަ އަހަރު ނުކުތް ”ލޯކާ ޗެޕްޓާ 1: ޗަންދުރާ“ ގެ ވެސް ބަތަލާއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވޭ މި ފިލްމަކީ 300 ކްރޯޑް ރުޕީސް (33.1 މިލިއަން ޑޮލަރު) ގެ ބޮޑު ބަޖެޓަކުން އުފައްދާ ފިލްމެކެވެ.
މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ރަންވީރުގެ އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް އައިސްފައިވާ ފިލްމަކީ މި އަހަރުގެ މާޗް މަހުގެ ތެރޭގައި ރިލީޒްކުރި ”ދުރަންދަރު 2“ އެވެ.





