މި އަހަރުގެ ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ހއ. އުތީމަށް ފުރާވަޑައިގެންފިއެވެ. ގައުމީ ފެންވަރުގައި މިފަހަރު ގައުމީ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބޮޑުތަކުރުފާނު އުފަންވި ރަށް ކަމަށްވާ އުތީމުގައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްގެ ގޮތުން މި އަހަރާއި އަންނަ އަހަރު، ގައުމީ ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވަނީ އުތީމުގައެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އުތީމު ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ.
ރައީސްގެ ދެކަނބަލުން އުތީމަށް ކުރައްވާ މި ޒިޔާރަތުގައި ގައުމީ ދުވަހާ ގުޅޭ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ރައީސްގެ ދަތުރުފުޅުގައި އުތީމުގައި އަލަށް ހެދި ބޮޑުތަކުރުފާނު ގޭޓް އިފްތިތާހުކޮށް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އާ ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.





