ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ކުރިއަށް ގެންދާ ރަސްމީ ހަރަކާތްތަކުގެ ތެރެއިން، އުތީމު އިސްރަށްވެހީންގެ މައިޒާން ’އޮނުހިޔާ‘ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި ހަރަކާތަކީ ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ހިންގުނު އެއް ހަރަކާތެވެ.
އިސްރަށްވެހީންގެ މައިޒާން ’އޮނުހިޔާ‘ ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ބޮޑުތަކުރުފާނުގެ ހަނދާނުގައި އެ މައިޒާނުގައި ހައިވަކަރު ދެ ގަސް އިންދަވާފައެވެ.
މީގެ އިތުރުން، ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވުމުގެ ގޮތުން ބޮޑުތަކުރުފާނު ދޮރާށީގެ ބިންގާވެސް މިއަދު ވަނީ އަޅުއްވާފައެވެ. މި ބިންގާ އަޅުއްވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.
ބޮޑުތަކުރުފާނު ދޮރާށި ފަރުމާކޮށްފައިވަނީ، ދިވެހި ޤައުމަށްޓަކައި ޖިހާދުކުރެއްވި ކަޅުއޮތްފުންމީގެ ހަ ބަޠަލުންނާއި، އިސްލާމް ދީން އިޔާދަކުރެއްވުމާއި، ދިވެހިންގެ ސަގާފަތާއި މިނިވަންކަން ރަމްޒުކޮށްދޭގޮތަށެވެ. އެގޮތުން، ދިވެހިންގެ އެވޭލާ މިސްކިތްތަކުން ފެންނަ ތަނބުތައް ނަކަލުކޮށްފައިވާ 6 ތަނބު ރަމްޒުކޮށްދެނީ، މިނިވަންކަމަށްޓަކައި ޖިހާދުކުރެއްވި ހަ ބަޠަލުންނެވެ. އަދި ރޭގަނޑަށް ދިއްލޭ މި 6 ބައްތިން ރަމްޒުކޮށްދެނީ، ކަޅުއޮތްފުންމީގެ 6 ބަޠަލުން ދިވެހި ޤައުމަށް ކުރެއްވި ޚިދުމަތްތަކުގެ ފަނޑުވުމެއްނެތް ހަނދާންތަކެވެ.
މި މުހިންމު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އިތުރުން ސަރުކާރުގެ އިސްވެރިން ގިނަ ޢަދަދަކަށް ބައިވެރިވެވަޑައިގެންނެވިއެވެ.





