ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ.
މި ޝަރަފަކީ ދިވެހި ތާރީޚާއި ޤައުމިއްޔަތު ދިރާސާކޮށް ދިރުވުމުގައި އުތީމު ރައްޔިތުން އަދާކޮށްފައިވާ ދައުރަށް ދެވުނު ވަރަށް މުހިންމު އިޢުތިރާފެކެވެ.
ރައީސުލްޖުމްހޫރިއްޔާ އުތީމު ރައްޔިތުންނަށް މި ޝަރަފު އެރުވީ، ދިވެހި ޤައުމީ އަގުހުރި ޚާއްޞަ ތަރިކައެއް ކަމަށްވާ އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގު މިއަދުގެ ސަރުކާރުން ވަޒަން ކުރެއްވުމުގެ ގޮތުންނެވެ. އަދި އުތީމުގެ ލޮބުވެތި ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީ، މި ތާރީޚީ މުއްދަތުގައި އެބޭފުޅުން ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކުރުމުގެ ގޮތުންނެވެ.
އުތީމު ގަނޑުވަރަކީ، ދިވެހި ދައުލަތް ޕޯޗުގީޒުންގެ އަޅުވެތިކަމުން ސަލާމަތް ކުރެއްވި އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އުތީމު މަހާރަދުން) ގެ ޢާއިލީ މައިފުނަގެއެވެ. ރަސްކަމުގެ ތަޚުތުގައި އިށީނދެވަޑައިގަތުމުގެ ކުރީން އުތީމުގައި އެމަނިކުފާނު ދިރިއުޅުއްވި ގެކޮޅެވެ. މި ތާރީޚީ ތަން، އެ ރަދުންގެ ގަނޑުވަރާއި، އެހެނިހެން އާސާރުތަކަށް ރައްކާތެރިކަންދީ ބެލެހެއްޓުމުގައި އުތީމު ރައްޔިތުންވަނީ ފާއިތުވި 450 ވަރަކަށް އަހަރު (އުތީމު ރަދުންގެ ޙަޔާތްޕުޅުގެ އަހަރުތައް ހިމަނާނަމަ، ހަމަ ޔަޤީނުންވެސް، 500 އަހަރަށް ވުރެ މަދުނުވާނޭ ދުވަސްތަކެއްގައި) ވަރަށް ބޮޑު ސަމާލުކަމަކާއި ފަރުވާތެރިކަމެއް ދީފައެވެ.
ޒަމާނުއްސުރެ އުތީމު ގަނޑުވަރަކީ، ހުރިހައި ދިވެހީން ވެސް ވަރަށް ކަމޭހިތަމުންއައި ބިނާއެކެވެ. ކުރީ ޒަމާނުއްސުރެ ގަނޑުވަރުގެ ކަންކަމަށް އެކި ކަހަލަ ޢިނާޔަތްތައް ލިބެމުން އައި ނަމަވެސް، ވަރަށް ފަހަކާ ޖެހެންދެން ތަން ބެލެހެއްޓުމާ ބެހޭ ހުރިހައި މަސައްކަތެއް، އުޖޫރައަކާ ނުލައި ކުރަމުން އައީ އުތީމު ރައްޔިތުންނެވެ. އެބައިމީހުން ގަނޑުވަރަށް ވަރަށް ބޮޑު އިޙްތިރާމަކާއި ޤަދަރެއް ދެއެވެ. ގަނޑުވަރުގެ އެތެރެއަށް އަބަދުވެސް ހިމުން ދޮންވެލި ލަނީ، ގޮނޑުދޮށުން ވެލި ގެނެސް، ބަތްޕޮޅިން ފޮޅައި، ކިތަންމެ ކުޑަ ކުނިކޮޅެއް ނުވަތަ ހަރު އެތިކޮޅެއް ވިޔަސް ނަގައިގެންނެވެ. ބޭރު ގޯތިތެރެ އޮންނަނީ، ސާފު ކަށިވެލި ލައިފައެވެ.
ގަނޑުވަރު ސަރަހައްދު ކުނިކަހަނީ އުތީމު ރައްޔިތު އަންހެނުންނެވެ. ކުނިކެހުން ނިންމާލަނީ، އެއްވެސް ފިޔަވަޅެއްގެ އަސަރުވެސް އެ ސަރަހައްދުގައި ނުހުންނަ ގޮތަށް ފަހަތަށް ފަހަތަށް ކުނިކަހަމުން އައިސް، ވަރަށް ފަރުވާތެރިކަމާއެކުގައެވެ. މީގެ އިތުރުން، އެ ސަރަހައްދަށް އުތީމު ރައްޔިތަކު އާންމު ގޮތެއްގައި ނުވަންނާނެއެވެ. މަސްވެރީން ބާނާ މަސް ހިފައިގެން ގަނޑުވަރު މަގުން އެއްގަމަކަށް ނާރާނެއެވެ. އެއީ، ގަނޑުވަރު ސަރަހައްދަށް ލޭ ތިއްކެއްވެސް ޖަހައިފާނެތީ އެވެ.
ގަނޑުވަރު ބެލެހެއްޓުމަށްޓަކައި ސަރުކާރުގެ އެހީއެއް ނުލިބި ވިއްސަކަށް އަހަރު ވުމަށްފަހު، މިހާރު ސަރުކާރުން މުސާރަދެއްވާ ޚާދިމަކާއި، މަސައްކަތު މީހުން ލައްވައި، ގަނޑުވަރު ބެލެހެއްޓުމާއި މަރާމާތުކުރުމާއި، މިފަދަ ހުރިހައި ކަމެއް ކުރިއަށް ގެންދެއެވެ. ތަން ބެލެހެއްޓުމަށް އިތުރު ވަސީލަތްތަކާއި މާލީ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފައެވެ. ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި، ގަނޑުވަރު ބެލެހެއްޓޭ ފެންވަރާއި، ތަނަށް ދޭ ރައްކާތެރިކަން އަދިވެސް އާދަޔާ ޚިލާފަށް ރަނގަޅެވެ. މި ޝަރަފަކީ، މިފަދަ މަތިވެރި ޚިދުމަތްތަކަށް ދެވުނު ޤައުމީ އިނާމެކެވެ.





