މާލޭގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން އެ ސަރަޙައްދަށް ދިޔަ ފުލުހުންތަކަކަށް ހަމަލާދީ މާރާމާރީ ހިންގި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. މާފުއްޓަށް ނިސްބަތްވާ، އުމުރުން 41 އަހަރުގެ އިބްރާހިމް ސުނީޒް އެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ޤާނޫނު ތަންފީޒުކުރުމަށް ހުރަސްއެޅުމާއި، މާރާމާރީ ހިންގުމާއި އަދި ބިރުދެއްކުމުގެ ކުށުގެ ތުހުމަތުގައެވެ. މި މައްސަލައާ ގުޅިގެން ސުނީޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ޙާލަތެއް އޮތް ކަމަށް ނިންމީ ކުށުގެ އަމަލުގައި ސުނީޒް ބައިވެރިވެފައިވާ ގޮތާއި، މި އަމަލުގެ ސަބަބުން މީހުންނަށް އަނިޔާ ލިބިފައިވާތީއެވެ. އަދި މި އަމަލު ހިންގާފައިވަނީ ސުނީޒާއި އިތުރު ބަޔަކު ގުޅިގެން ޖަމާޢަތް ހަދައިގެން ކަމަށްވާތީ، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ފެންނާތީ ކަމަށްވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ސުނީޒާ ދެކޮޅަށް ފުލުހުންގެ ފަރާތުން ކޯޓަށް ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި އަނިޔާ ލިބުނު ފުލުހުންގެ ބަޔާންތަކާއި، އަނިޔާ ލިބުނު ފުލުހުންގެ ފޮޓޯ ރިޕޯޓުގެ އިތުރުން މެޑިކޯ ލީގަލް ރިޕޯޓު ވެސް ހިމެނެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





