ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށްޓަކައި އެކުލަވާލާފައިވާ ޚާއްޞަ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލެއް އެކުލަވާލައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މި ބިލު މަޖިލީހަށް ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ޤާނޫނީ ހަރުދަނާ އޮނިގަނޑެއް ތަޢާރުފުކުރުން ކަމަށެވެ. އަދި މީގެ ސަބަބުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށްތައް ކޮށްގެން ހޯދާ މުދަލުން މާލީ މަންފާ ހޯދުން ހުއްޓުވޭނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެކި ފަރާތްތަކުން ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދާ އަނބުރާ ދައުލަތަށް ނެގުމުގައި މިހާރު ދިމާވެފައިވާ ޤާނޫނީ މައްސަލަތަކަށް ވެސް މި ބިލުގެ ސަބަބުން އެކަށީގެންވާ ޙައްލެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކުށް ކޮށްގެން ހޯދާ ފައިސާއާއި މުދާ ދައުލަތަށް ނެގޭނެ ވަށައިޖެހޭ ނިޒާމެއް މިހާތަނަށް ނެތުމަކީ، ކޮރަޕްޝަން ފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް އެފަދަ ފައިސާއާއި މުދަލުން ނަހަމަ މަންފާ ލިބިގަނެ، އޭގެ އަސްލު އޮޅުވާލައި، އެތަކެތިން ތަސައްރަފުކޮށް ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމަށް ހުޅުވިފައި އޮތް ދޮރެކެވެ.
މިފަދަ މައްސަލަތައް ޙައްލުކުރުމަށްޓަކައި، ކުށްކުށާއި ގުޅުންހުރި ފައިސާއާއި މުދާ ދައުލަތަށް ނެގުމުގެ ޤާނޫނީ އުސޫލުތައް ކަނޑައެޅުން ހިމެނޭ ގޮތަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސްނަގައިގެން މީގެ ކުރިން ވަނީ ”އެސެޓް ރިކަވަރީ ނަމޫނާ ޤާނޫނު“ އެކުލަވާލާފައެވެ.
އޭސީސީން ބުނެފައިވަނީ، ކުށް ކޮށްގެން ހޯދާ ފައިސާއާއި މުދާ އަނބުރާ ދައުލަތަށް ނެގުމާ ގުޅޭ ވަކި ޚާއްޞަ ޤާނޫނެއް ދިވެހިރާއްޖޭގައި ނެތުމާއެކު، މިކަމާ ގުޅޭގޮތުން ރާއްޖޭގައި މިހާރު ހުރި ޤާނޫނުތަކާއި ޤަވާއިދުތަކުގެ ދަށުން މި މަސައްކަތް ކުރެވެން އޮތް ގޮތްތަކާއި، މި މަސައްކަތް ކުރުމަށް ޤާނޫނީ ޒިންމާ މަތިކޮށްފައިވާ އިދާރާތަކަކީ ކޮބައިކަން ބަލައި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ތަޢާރުޟުނުވާ ގޮތުގެމަތިން އެސެޓް ރިކަވަރީ ނަމޫނާ ޤާނޫނުގެ ފޮތުގެ ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް މީގެ ކުރިން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ސަރުކާރުން މަޖިލީހަށް މި ބިލު މި ފޮނުވީ، ދައުލަތުން ގެއްލިފައިވާ ފައިސާއާއި މުދާ އަނބުރާ ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.





