ހިންދީ ސިނަމާގެ މަޝްހޫރު ޑައިރެކްޓަރު ކުކޫ ކޯލީ، ހިތުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މަރުވެއްޖެއެވެ.
އޭނާ މަރުވެފައިވަނީ އިންޑިއާގެ މުމްބާއީގައި ހުންނަ ކޮކީލާބެން ދިރޫބާއީ އަމްބާނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. މަޝްހޫރު ފިލްމީ ތަރި އަރުނާ އިރާނީގެ ފިރިކަލުން، ކުކޫ ކޯލީ މުމްބާއީގެ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްތަކެއް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، އޭނާގެ ސިއްހީ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އާއިލާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
އަސްލު ނަމުން ނަމަ އަވްތާރު ކޯލީގެ ގޮތުގައި މަޝްހޫރުވެފައިވާ ކުކޫ ކޯލީއަކީ ބޮލީވުޑްގެ ކާމިޔާބު އަދި މަގުބޫލު ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ފަންނާނެކެވެ. އޭނާ ޑައިރެކްޓްކުރި ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ”ސުހާގު“، ”ހަގީގަތް“، ”އަނާޅީ ނަންބަރު 1“ އަދި ”ޔޭ ދިލް އާޝިގާނާ“ ހިމެނެއެވެ. މީގެ އިތުރުން، އޭނާ އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ 1991 ވަނަ އަހަރު މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން ބޮލީވުޑަށް ތައާރަފުވި ކާމިޔާބު ފިލްމު ”ފޫލް އައުރް ކާންޓޭ“ ގެ ޑައިރެކްޓަރުގެ ގޮތުގައެވެ.
ކުކޫ ކޯލީ އާއި ބޮލީވުޑްގެ ތަޖުރިބާކާރު ބަތަލާ އަރުނާ އިރާނީ ކައިވެނިކުރީ 1990 ވަނަ އަހަރުއެވެ. ކުކޫ ކޯލީގެ ފުރަތަމަ ކައިވެންޏަށް ދެ އަންހެން ދަރިން ލިބިފައިވެއެވެ. އެއީ ޕޫޖާ ކޯލީ އަދި މިހާރު ފިލްމު އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކަރިޝްމާ ކޯލީއެވެ.
ކުކޫ ކޯލީގެ ވަކިވެދިޔުމާ ގުޅިގެން ހިންދީ ފިލްމީ ދާއިރާގެ ގިނަ ފަންނާނުންނާއި އޭނާގެ ސަޕޯޓަރުން ދަނީ ހިތާމަ ފާޅުކޮށް، އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.





