އެއްވެސް މީހަކަށް ހިތަށް އަންނަ ކޮންމެ ވާހަކައެއް ދެއްކުމާއި ލިޔުމުގެ ހައްގު ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެ، ދިވެހީންގެ ރީތި އާދަތައް ދަމަހައްޓަން ގޮވާލައްވައިފިއެވެ. ރައީސް މިފަދައިން ގޮވާލައްވާފައި މިވަނީ، މީޑިއާތައް ރެގިއުލޭޓް ކުރުމަށް ސަރުކާރަށް ގިނަ ބާރުތަކެއް ލިބޭހެން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވަނިކޮށެވެ.
އެ މަނިކުފާނު މިފަދައިން ގޮވައިލެއްވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ދިވެހި ރައްޔިތުންނާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ގައުމު އަމާންކަމާއި ރައްކާތެރިކަމާ އެކު ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި ވިސްނަންވީ މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެ ގޮތުން، އެ ޒިންމާއަކީ ކޮންމެ ދިވެއްސެއްގެ ބޮލުގައި ވެސް އެޅިފައި އޮތް ފަރުދީ ޒިންމާއެއް ކަމަށާއި، އެންމެން ވެސް ގައުމިއްޔަތު ދިރުވައި އާލާކުރަން މަސައްކަތްކުރަންޖެހޭ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
”ހަގީގީ ކުރިއެރުމަކީ އަޅުގަނޑުމެން ކޮންމެ މީހަކު ކުރަން ހުރި ކަމެއް. އަޅުގަނޑުމެންގެ ސިކުނޑި ތަރައްގީކުރުން. ގައުމިއްޔަތު އާލާކޮށް، އެހެން ޖީލުތަކަށް ގެންދިއުމުގެ މަސައްކަތް އަމިއްލައަށް ކުރުން،“ ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ދިވެހީންނަކީ ކޮންމެ ކަމެއްގައި ވެސް ގައުމު އިސްކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. މީގެ ކުރިން މި ގައުމުގައި މައިންބަފައިންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އަވައްޓެރިންނަށް އަޅާލައި އޯގާތެރިވެ، އެހީތެރިވުމަކީ ދިވެހިވަންތަކަމުގެ ސިފައެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، އެ ކަންކަން މިހާރު ބަދަލުވެފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
”މިއަދު މި ފެންނަނީ އެ މަންޒަރެއް ނޫން. މިއަދު އަޅުގަނޑުމެންގެ ތެރޭގައި އަނެކާގެ އިއްޒަތާއި އަބުރާއި ޝަރަފަށް ބެލުމެއް ނެތް. ތިމާ ކުރިއަށް ދެވެނިކޮށް ނިމުނީ. ތިމާ ބޭނުންވާ ކަންތައް ވަނިކޮށް ނިމުނީ،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ، ހިތަށް އަންނަ ކޮންމެ އެއްޗެއް ބުނެލުމަކީ އެއްވެސް މީހެއްގެ ހައްގެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން، އެއްވެސް މީހަކު ކުރާ ކަމެއްގެ ސަބަބުން ނުވަތަ ބުނާ ބަހެއްގެ ސަބަބުން އަނެކާގެ މިނިވަންކަމާއި އަބުރާއި އިއްޒަތަށް އަރައިގަނެވޭ ނަމަ އެއީ ހައްގުތަކުގެ އިމުން ބޭރުވުން ކަމަށް ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް ހައްގެއް ނޫންކަން އަނެކާގެ އިއްޒަތާއި ޝަރަފާއި އަބުރަށް އަރައިގަތުން. އެއްވެސް މީހަކަށް އޮތް ހައްގެއް ނޫންކަން ހިތަށް އަންނަ އެއްޗެއް ބުނެލުމަކީ. ހިތަށް އަންނަ ކޮންމެ އެއްޗެއް ގަލަމުން ލިޔެލުމަކީ،“ ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އަނެކާގެ އަބުރާއި އިއްޒަތާއި ހައްގަށް އަރައިގަތުމަކީ އެއްވެސް މީހެއްގެ ހައްގެއް ނޫން ކަމަށެވެ. ހައްގުތަކާއި މިނިވަންކަން ވެސް ލިބެނީ އިމެއްގެ ތެރެއިންކަން އެ މަނިކުފާނު ފާހަގަކުރައްވައި، ޖަލްސާގެ ބައިވެރިއަކު ”މި ތަނުގައި ބޮމެއް އެބައޮތޭ“ ކިޔައި ވާހަކަދެއްކޭނެތޯ ސުވާލު އުފެއްދެވިއެވެ. އެހެންވެ، މިނިވަންކަމާއި ހައްގުތަކުގެ ބޭނުން ހިފޭނީ އަނެކާގެ ހައްގުތަކާއި މިނިވަންކަމަށް އަރައިނުގަނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”ސިކުނޑީގެ ބޭނުންކުރަން ޖެހޭނެ. ކޮށްގެން މި ގައުމުގެ މިނިވަންކަން، ގައުމިއްޔަތު ހިމާޔަތްކުރެވޭނެ،“ އެ މަނިކުފާނު ވިދާޅުވިއެވެ.
މި ފަދަ މޭރުމަކުން ރައީސް ވާހަކަދައްކަވާފައިވާއިރު، މީޑިއާތައް ރެގިއުލޭޓްކުރަން ސަރުކާރަށް ގިނަ ބާރުތަކެއް ލިބޭހެން ބިލެއް މަޖިލީހަށް ހުށަހަޅާފައިވާތީ ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރު ހުށަހެޅުއްވި އެ ބިލާ އެކު ނޫސްތަކާއި ޓީވީތައް ހުއްޓުވާލާއި ވަކިވަކި ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާކުރުމުގެ ބާރު ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބޭނެތީ ނޫސްވެރިންނާއި އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަރުކާރުން އެ ބިލަށް ތާއީދުކުރާކަން ހާމަކޮށްފައިވާއިރު، ނޫސްވެރިން އަންނަނީ މި ބިލަކީ މިނިވަން ނޫސްވެރިކަން ’މަރާލާނެ‘ ބިލެއް ކަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ.





