ސްޕެނިޝް ލީގުގައި ބާސެލޯނާއިން ކުޅުނު ދެވަނަ މެޗުގައި ރޭ އެތްލެޓިކް ބިލްބާއޯގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައި، ލީގުގައި މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ. ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ބާސާއިން ވަނީ އެލްޗޭގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައިފައެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ބާސާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 37 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ވިންގާ ރަފީނިއާއެވެ. މިއީ ޕެޑްރީ ދިން ރީތި ޕާހަކުން، ބިލްބާއޯގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން ރަފީނިއާ ކާމިޔާބުކުރި ހިތްގައިމު ގޯލެކެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާގެ ޒުވާން ތަރި ލަމީން ޔަމާލަށް ލީޑު ފުޅާކުރަން ހުސް ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބާރު ހަމަލާ ބިލްބާއޯގެ ކީޕަރު އުނާއި ސިމޯން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މީގެއިތުރުން ދެވަނަ ހާފުގެ ކުރީކޮޅު ޔަމާލް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ގޯލުގެ ދަނޑިއަށް ވެސް އަމާޒުވިއެވެ.
މެޗުގައި ނަތީޖާ ހަމަހަމަކުރުމަށް ބިލްބާއޯއިން ވެސް މަސައްކަތްކުރިއެވެ. އެގޮތުން މެޗުގެ 75 ވަނަ މިނެޓުގައި އެ ޓީމުގެ މިޑްފީލްޑަރު އޮއިހަން ދުރުން ފޮނުވާލި ބާރު ހަމަލާއެއް ބާސާގެ ގޯލުގެ ދަނޑިއަށް ވަނީ އަމާޒުވެފައެވެ.
މި މެޗުން ބާސާއަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފާމިން ލޮޕޭޒް އެވެ. މި ގޯލަށްފަހު ވެސް ބާސާގެ އަޑަޔޭމީ އަށް އޭރިއާ ތެރެއިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާވެސް ބިލްބާއޯގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވެ، ރަނގަޅު ފޯމެއްގައި އޮތް ބާސެލޯނާއިން ލީގުގައި ދެން ބައްދަލުކުރާނީ ރަޔޯ ވަޔެކާނޯއާ އެވެ.





