ފޭސްބުކް މާކެޓްޕްލޭސްގައި ތަކެތި ވިއްކާކަމަށް ބުނެ ތަފާތު އެކި ސްކޭމް ހިންގައި، އެކި މީހުންގެ އަތުން ފައިސާ ހޯދަމުންދިޔަ މައްސަލައަކާ ގުޅިގެން، ސ. މީދޫ، ފުނޯސް، ޢަބްދުﷲ މިލްހާނު (33އ) އިއްޔެ ހައްޔަރުކޮށްފިއެވެ. މި ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއްގައެވެ.
ފުލުހުން ބުނި ގޮތުގައި، ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރާއި ހުޅުމީދޫ ޕޮލިސް ގުޅިގެން ހިންގި މި ޚާއްސަ އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން މިލްހާނު ހައްޔަރުކޮށްފައިވަނީ އިއްޔެ ސ. މީދޫންނެވެ. ހައްޔަރުކުރުމަށްފަހު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި، މި އޮޕަރޭޝަނަކީ، ފުލުހަށް އެކި ދުވަސްމަތިން ހުށަހަޅާފައިވާ ސްކޭމްގެ ގިނަ މައްސަލަތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މައްސަލަތަކުގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، މިލްހާނަކީ ފޭސްބުކް މާކެޓް ޕްލޭސްގައި އެއްޗިހި ވިއްކާކަމަށް ބުނެ އެކި ދުވަސް މަތިން އެކި މީހުންގެ އަތުން އެކި އަދަދުތަކުން ފައިސާ ހޯދައި، ސްކޭމް ރާވައި ހިންގާފައިވާ މީހެއްކަން ވަނީ އެނގިފައެވެ. އަދި އޭނާ ވަނީ މިގޮތަށް ހޯދި ފައިސާ އެކި މީހުންގެ އެކައުންޓަށް ޖަމާކޮށް، އެ މީހުންނަށް ވެސް ފައިދާއެއްދީ، މި ސްކޭމްތަކުގައި ބައިވެރިކުރުވާފައެވެ. ފުލުހުން ހާމަކުރާ ގޮތުގައި، އެފަދަ ތިން މައްސަލައެއްގައި 16،000 ރުފިޔާ މަކަރާއި ހީލަތުން މިލްހާނު ހޯދާފައިވާކަން ތަހުގީގަށް ވަނީ އެނގިފައެވެ.
މި މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސައްހަނޫން ޕޯސްޓުތައް ޖަހައިގެން ހިންގާ ސްކޭމްތައް އަންނަނީ އިތުރުވަމުންކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން، އޮންލައިންކޮށް ވިޔަފާރިކުރާއިރު، މުދާ ލިބުމުން ނޫނީ ފައިސާގެ މުއާމަލާތްތައް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފައިސާ ޓްރާންސްފާ ކުރުމުގެ ކުރިން އެކައުންޓުގެ ސައްހަކަން ކަށަވަރުކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރިއެވެ.





