ވަގު ސެޓްފިކެޓު މެދުވެރިކޮށް ވަޒީފާ ހޯދުމަށް ހުށަހަޅާ މީހުންގެ އަދަދު އިތުރުވެފައިވާތީ، މިކަމުގެ ސަބަބުން އާންމު ޚިދުމަތްތަކުގެ ފެންވަރު ދަށްވެ، ތައުލީމީ ނިޒާމަށް ކުރާ އިތުބާރު ކުޑަވާނެކަމުގެ ކަންބޮޑުވުން ފުލުހުން މިއަދު ފާޅުކޮށްފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް ކުރިމަތިލުމަށް ހުށަހަޅާ މީހުންގެ ތެރެއިން ވަގު ތައުލީމީ ސެޓްފިކެޓު ހުށަހަޅާ މީހުންގެ މައްސަލަތައް ފުލުހުންނަށް ލިބޭ އަދަދު އިތުރުވެފައިވާ ކަމަށެވެ. މިއީ ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލި، މި ކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބި، އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ މިންގަނޑުތަކަށް ސީދާ އަސަރުކުރާނެ ކަމެއް ކަމަށެވެ.
ފުލުހުން ބުނިގޮތުގައި، މިފަދަ މައްސަލަތައް ތަހްގީގުކުރުމަށްޓަކައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އާއި ދައުލަތުގެ ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދެއެވެ. ވަގު ސެޓްފިކެޓުތައް އުފައްދައި ބޭނުންކުރުމުގެ ބައެއް މައްސަލަ ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ތަހުގީގުކޮށް، ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުން އިތުރަށް ބުނީ، ސައްހަނޫން ސެޓްފިކެޓް ހުށަހެޅުމަކީ ނުވަތަ ބޭނުންކުރުމަކީ ގާނޫނުލްއުގޫބާތުގެ ދަށުން، ސައްހަ ލިޔުމަށް ބަދަލުގެނައުމާއި، އެ ހަދާ ލިއުން ނަކަލުކުރުމާއި، އަގުހުރި އެއްޗެއް ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމާއި، ލިއުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުމާއި ޝަޚުސު އޮޅުވާލުމުގެ މާއްދާތަކުގެ ދަށުން ޖިނާއީ ކުށެއް ކަމަށެވެ. މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަ މި މާއްދާތަކުގެ ދަށުން ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ.
މިކަމަށް ސަމާލުވުމަށް، ވަޒީފާދޭ ތަންތަނުންނާއި ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކުން ކޮލިފިކޭޝަން ފްރޭމްވޯކްގެ އޮނިގަނޑަށް އަމަލުކުރުމަށާއި، ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރުނުކުރެވޭ ހާލަތްތަކުގައި ފުލުހުންނަށް ހުށަހެޅުމަށް ވެސް އެދިފައިވެއެވެ.
ފުލުހުން މިފަދައިން ބަޔާނެއް ނެރެފައިވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުالله އަރީފްގެ ސޮއި ފޯޖުކޮށްގެން ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ކަމަށް ބުނާ ލިއުމެއް ތައްޔާރުކުރި މައްސަލައެއް ބާ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ފުލުހަށް ހުށަހަޅާފައިވަނިކޮށެވެ. ދައުލަތުގެ މުއައްސަސާތަކުގެ ނަމުގައި ވަގު ސެޓިފިކެޓާއި ލިޔުން ތައްޔާރުކުރުމަކީ ގާނޫނީ ކުށެކެވެ.





