ފިލްމު ”ސައްޔާރާ“އިން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ހުނަރުވެރި ޒުވާން ބަތަލާ އަނީތު ޕައްޑާގެ މުޅީން އާ ވެބް ސީރީޒްއެއް ޖިއޯހޮޓްސްޓާގައި ޕްރީމިއާކުރަން ނިންމައި، އޭގެ ރަސްމީ ޓްރެއިލާ އާންމުންނަށް ދައްކާލައިފިއެވެ.
”ހުންކާރް“ގެ ނަމުގައި ގެނެސްދޭ މި ސީރީޒްގެ ޓްރެއިލާއިން ފެންނަނީ ނުފޫޒުގަދަ ދީނީ އެކްޓިވިސްޓަކާ ދެކޮޅަށް އިންސާފު ހޯދުމަށްޓަކައި ހިތްވަރާއެކު ނުކުންނަ 17 އަހަރުގެ އަންހެން ކުއްޖެއްގެ އަސަރުގަދަ ދައުރެވެ. މި ރޯލު ކުޅެފައިވަނީ އަނީތު ޕައްޑާއެވެ.
ނިތްޔާ މެހެރާ އަދި ކަރަން ކަޕާޑިއާ ގުޅިގެން ޑައިރެކްޓްކޮށްފައިވާ މި ސީރީޒްގެ މުހިންމު ރޯލަކުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ފާތިމާ ސަނާ ޝޭހް ވެސް ފެނިގެންދާނެއެވެ. ފާތިމާ މި ސީރީޒްގައި އަދާކުރަނީ ފުލުސް އޮފިސަރެއްގެ ވަރުގަދަ ރޯލެވެ.
ފިލްމު ”ސައްޔާރާ“ގެ ބޮޑު ކާމިޔާބީއަށްފަހު، އަނީތު ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ވެބް ސީރީޒް ”ހުންކާރް“ ޖިއޯހޮޓްސްޓާ މެދުވެރިކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. މި ސީރީޒަކީ ބިރްލާ ސްޓޫޑިއޯސް، އެޕްލޯސް އެންޓަޓެއިންމަންޓް، މަންގާތާ ފިލްމްސް ޕްރޮޑަކްޝަން އަދި މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ފިލްމު ކުންފުނި ޕާޕްލް ޕެބްލް ޕިކްޗާސް ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ އުފެއްދުމެކެވެ.
މި ސީރީޒްގެ ކުރިންވެސް އަނީތު ވަނީ ޑައިރެކްޓަރު ނިތްޔާ މެހެރާއާއެކު މަސައްކަތްކޮށްފައެވެ. އެއީ އެމެޒޯން ޕްރައިމްއިން ގެނެސްދިން ”ބިގް ގަލްސް ޑޯންޓް ކްރައި“ގައެވެ.
އަނީތުގެ ކުރިއަށްހުރި މަސައްކަތްތަކަށް ބަލާއިރު، މެޑްޑޮކް ފިލްމްސްއިން އުފައްދާ ”ޝަކްތީ ޝާލިނީ“ގެ އިތުރުން ވައިއާރްއެފް (ޔަޝްރާޖް ފިލްމްސް) އިން އުފައްދާ ލޯބީގެ ފިލްމެއް ހިމެނެއެވެ. ވައިއާރްއެފްގެ މި ފިލްމުގައި އަނީތުއާއެކު ބަތަލުގެ ރޯލުން ފެންނާނީ ”ސައްޔާރާ“އިން ބޮޑު މަގުބޫލުކަމެއް ހޯދި ޒުވާން އެކްޓަރު އަހާން ޕާންޑޭއެވެ.





