ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ތަރައްޤީކުރަމުންދާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިންމައި، އެންމެ ލަސްވެގެން އަންނަ ނޮވެމްބަރު މަހު ބޭނުންކުރަން ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރަށުގެ އެންމެ މުހިންމު މަޝްރޫޢުކަމަށާއި، އެއީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއަރޕޯޓު ނަމަވެސް ތަރައްޤީކުރުމަށްވެސް އެންމެ ގިނަ ދުވަސްނެގި އެއަރޕޯޓްކަން ފާހަގަކުރެއްވިއެވެ. މިހާރު މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދަނީ ޒަމާނީ ފެންވަރަށް ގިނަ ވަސީލަތްތަކާއެކު އެންމެ ހަލުވި ސްޕީޑުގައި ނިންމުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، މި މަޝްރޫޢު އެންމެ ލަސްވެގެން ހުރިހާ ޚިދުމަތަކާއެކު އަންނަ ނޮވެމްބަރު މަހު ބޭނުންކުރަން ފެށޭވަރަށް ނިންމަވާނެކަމަށް އެމަނިކުފާނު ވަނީ ޔަޤީންކަން ދެއްވާފައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، އިންޓަރނޭޝަނަލް ފެންވަރުގެ އެއަރޕޯޓަކަށްވާއިރު، އެއަރޕޯޓުން ފުރާ ފަސިންޖަރުންނަށް ހުޅުލޭގެ ފަސިންޖަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ގަންނަން ލިބޭފަދައިން ހަމަޖައްސަވާނެއެވެ. އަދި ޑޮލަރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެއަރޕޯޓްގެ ބޭރުން އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައި ޑޮލަރު އޭޓީއެމެއްވެސް އިރާދަކުރެއްވިއްޔާ ބަހައްޓައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ޑޮލަރު އޭޓީއެމްގެ ޚިދުމަތާއެކު ހަނިމާދޫގައި ޓޫރިޒަމް ކުރިއަރާނެކަމަށް ރައީސް ލަފާކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އެއަރޕޯޓް ހުޅުވޭއިރު، ހަނިމާދޫގައި ޕާސްޕޯޓުގެ ޚިދުމަތާއި އައިޑީކާޑު ޕްރިންޓުކުރުމުގެ ޚިދުމަތްވެސް ޤާއިމްކުރެވޭނެކަމަށެވެ. މިއީ ހަނިމާދޫގެ ރައްޔިތުންނާއި، ރަށަށް ހިޖުރަކުރާ ފަރާތްތަކާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިއެރުން ލިބޭނެކަމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުޅިން އައު މަޝްރޫޢެއްގެގޮތުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް ކުރިއަށްގެންދާ ރީޖަނަލް އެއަރޕޯޓްސް ކުންފުނިން ދޭ މަޢުލޫމާތުތަކަށް ބަލާއިރު، މުޅި މަޝްރޫޢުގެ %91 މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. ވަކިވަކި މަސައްކަތްތަކަށް ބަލާއިރު، ޕެސެންޖަރ އަދި ޖެޓީ ޓަރމިނަލް ބިލްޑިންގެ %92 ވަނީ ނިމިފައެވެ. ދިވެހި ވަންތަކަން ދައްކުވައިދޭ ޒަމާނީ ފަރުމާއަކަށް އިމާރާތްކޮށްފައިވާ ޓަރމިނަލަކީ 10،380 އަކަމީޓަރުގެ ބޮޑު ޓަރމިނަލެކެވެ. ރަންވޭއާއި އޭޓީސީ ޓަވަރު، ކަރގޯ ބިލްޑިން، ހެންގަރު ޓެކްސީވޭ އަދި ޔުޓިލިޓީ ފެސިލިޓީތަކުގެ %99 މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.
ގާތްގަނޑަކަށް ދެ ބިލިޔަން ރުފިޔާގެ މި މަޝްރޫޢު ނިމުމުން، ހަނިމާދޫ އެއަރޕޯޓުން އޭ320 އަދި ބޮއިންގް 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. ހަނިމާދޫ އައު އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފައި ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެއީ 3 އެއަރބަސް އާއި 6 އޭޓީއާރް މަތިންދާ ބޯޓަށް އެއްފަހަރާ ޕާކުކުރެވޭނެ ޖާގައެކެވެ. ޓަރމިނަލްގެ އެންމެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށެވެ. އަދި ޓަރމިނަލްގެ މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަރނޭޝަނަލް ދަތުރުތަކަށެވެ. ކޮންމެ ފަންގިފިލާއެއްގައި 2 ގޭޓު ހިމެނެއެވެ. އަތޮޅުތަކުގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ހުންނާނީ ހަނިމާދޫ އެއަރޕޯޓްގައެވެ.
މި މަޝްރޫޢު ނިމުމުން، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެކަމަށް އަންދާޒާކުރެވެއެވެ.





