ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި، ރައްޔިތުންނަށް ފަސޭހައިން ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ޒަމާނީ ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ފަށްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިކަމަށްޓަކައި މިއަދު ހަނިމާދޫއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެރަށުގައި ޤާއިމުކުރި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވާފައެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި އޭޓީއެމްގެ ޚިދުމަތް ފެށްޓެވުމުގެ ހަނދާނުގައި ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި އެމަނިކުފާނު ވަނީ ހަވާލުކުރައްވާފައެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިދާޅުވާ ގޮތުގައި، ހަނިމާދޫގައި ޤާއިމުކޮށްފައިވާ މި ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމުން ލިބޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. ހަނިމާދޫ އެއަރޕޯޓުގައި މިހާރުވެސް ބީއެމްއެލް އޭޓީއެމެއް ހުރެއެވެ. އެހެން ނަމަވެސް އެ އޭޓީއެމުން ލިބެނީ ހަމައެކަނި ފައިސާ ނެގުމުގެ ޚިދުމަތެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މި އަތޮޅުގެ 10 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅެއް ޙާޞިލުކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މި އަހަރު ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ.
ބީއެމްއެލްއިން ވިދާޅުވާ ގޮތުގައި، ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 146 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 204 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން، އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު އެ ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވައިގެން އޭޓީއެމްގެ ޚިދުމަތް ރަށްރަށުގައި ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރާއި ބީއެމްއެލް ގުޅިގެން ފަށްޓަވާފައިވަނީ ވީހާވެސް ރައްޔިތުންނާ ގާތުން ލުއި ފަސޭހަކަމާއެކު ބޭންކިންގެ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް ބީއެމްއެލްއިން ވަނީ ހާމަކުރައްވާފައެވެ.





