މާލޭގައި ދިރިއުޅެމުންދިޔަ 25 އަހަރުގެ ދިވެހި އަންހެނަކު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން އަންނަކަން ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓުކުރުމާ ގުޅިގެން ހޯދަމުންދަނީ ލ. މުންޑޫ، ގުލްޒާރުގެ، އުމުރުން 25 އަހަރުގެ މަރްޔަމް މާއީ ޖަމީލް ކަމަށެވެ.
މާލޭގައި ދިރިއުޅެމުން އަންނަ މާއީ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ވެފައި ނުވާތީ، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށާފައެވެ.
އެހެންކަމުން، މަރްޔަމް މާއީ ޖަމީލާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.
މާލެ ސަރަހައްދުން ޚަބަރެއް ނުވެގެން މީހުން ހޯދުމަށް ފުލުހުން ދޭތެރެދޭތެރެއިން އިއުލާން ކުރެއެވެ. ނަމަވެސް، މިގޮތަށް މައުލޫމާތު އާންމުކުރާތާ މާ ގިނައިރުތަކެއް ނުވެ، ގިނަ ފަހަރަށް އެ މީހުން ފެނި، ހާލު ރަނގަޅުކަން ފުލުހުން ކަށަވަރުކޮށްދެއެވެ.





