ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އިބްރާހިމް މާހިރު، ޝަރުޢީ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު ޝަރަފުވެރިކަމާއެކު މަޤާމުން ރިޓަޔަރ ކުރައްވައިފިއެވެ.
ފަނޑިޔާރު އިބްރާހިމް މާހިރު ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔަރ ކުރެއްވުމަށް އެދިވަޑައިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛް އިބްރާހިމް މާހިރު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެމަނިކުފާނު ހުންނެވީ ފެމިލީ ކޯޓުގެ އިސް ޤާޟީގެ މަޤާމުގައެވެ.
ޝަރުޢީ ދާއިރާގައި އަލްއުސްތާޛް އިބްރާހިމް މާހިރު އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވަނީ ވެސް ފެމިލީ ކޯޓުގައެވެ. އެގޮތުން، އެ ކޯޓުގެ ޤާޟީކަމާއި އިސް ޤާޟީގެ މަޤާމުގައި އެމަނިކުފާނު ވަނީ 15 އަހަރަށްވުރެ ގިނަ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
ފަނޑިޔާރު އިބްރާހީމް މާހިރު ހައިކޯޓުގެ ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާ ގުޅިގެން، އެ ކޯޓުން ވަނީ އެމަނިކުފާނު ޝަރުޢީ ދާއިރާއަށާއި ހައިކޯޓަށް ކޮށްދެއްވި އިޚްލާޞްތެރި އަދި އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.





