ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަން ކަމުގެ މަގާމުން އަޙްމަދު ޝަހީރު ވަކިކުރައްވައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޝަހީރު އެޗްޑީސީގެ ޗެއާމަންކަމުން ވަކިކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާ އެ މަގާމުން ވަކިކުރެއްވީ ސަރުކާރުގެ އެހެން ކުންފުންޏެއްގެ އިސް މަގާމަކަށް ބަދަލުކުރުމުގެ ގޮތުންނެވެ.
އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ޝަހީރު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭގެ ކުރިން އޭނާ ވަނީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަން ވެސް ކުރައްވާފައެވެ. ޝަހީރުގެ ކުރިން އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި ހުންނެވީ އަޙްމަދު ނާސިފް (ޑީޑީ) އެވެ. ނާސިފް އެ މަގާމުން ވަކިކުރެއްވުމަށްފަހު ބަދަލުކުރެއްވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޗެއާމަންކަމަށެވެ.
ޝަހީރަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގައި 29 އަހަރު ޚިދުމަތް ކުރައްވާފައިވާއިރު، 2015 އިން 2018 އަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ.





