ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މިނިސްޓްރީތަކުން 200 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން މިހާތަނަށް ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ވޭތުވެދިޔަ ތިން ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ އެކި ވުޒާރާތަކުން 205 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުންނާއި ޕޮލިޓިކަލް ޑައިރެކްޓަރުންގެ ފެންވަރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މުންދު އިތުރަށް ވިދާޅުވީ ސިޔާސީ މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް އަދި އެއްކޮށް ނުނިމޭ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު މުވައްޒަފުން ވަކިކުރަމުން ގެންދާނެ ކަމަށެވެ.
”އެ މަސައްކަތް ނިމުނީމާ އުނިވި އަދަދު ވެސް ދަންނަވަމުން ގެންދާނަން،“ މުންދު ވިދާޅުވި އެވެ.
މީގެއިތުރުން ތަރުޖަމާނު ވިދާޅުވީ، ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާއިރު، މިއީ ވަރަށް ބޮޑަށް ބަލައި ދިރާސާކުރުމަށްފަހު ކުރެވެމުންދާ ކަމެއް ކަމަށެވެ. އަދި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ވަކިކުރަމުންދާ މި މުވައްޒަފުންގެ ތެރޭގައި ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ (އެސްއޯއީ) މުވައްޒަފަކު ނުހިމެނޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދުތައް ކުޑަކޮށް، އެ ތަންތަނުގެ ހިންގުން ހަރުދަނާކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މުވައްޒަފުންގެ އަދަދުން 33 އިންސައްތަ މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ދާދިފަހުން އަންގައިފަ އެވެ.





