ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅުމަގު، ކާމިލް ދީދީ ޕްރައިމަރީ ސްކޫލް (ކޭޕީއެސް) ކައިރީގައެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 8:54 ހާއިރު ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާއަކީ ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. މި އެކްސިޑެންޓާ ގުޅިގެން އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ ދެ ސައިކަލު ދުއްވަން ތިބި މީހުންނަށެވެ. ނަމަވެސް، އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ފުލުހުން ދަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފަހަކަށް އައިސް ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ވަރަށް ބޮޑަށް އިތުރުވަމުންދާއިރު، މިދިޔަ ހަފުތާގެ ތެރޭގައި ހުޅުމާލޭގައި ހިނގި ހިތާމަވެރި އެކްސިޑެންޓެއްގައި 9 އަހަރުގެ އަންހެން ކުއްޖަކު ވަނީ ނިޔާވެފައެވެ. އެހެންކަމުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އަބަދުވެސް އިލްތިމާސް ކުރެއެވެ.





