ދިވެހިރާއްޖޭގައި ޙަލާލް ޓޫރިޒަމް ފުޅާކޮށް ކުރިއެރުވުމަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި އިސްލާމިކް ޗެމްބަރ އޮފް ކޮމާސް އެންޑް ޑިވެލޮޕްމަންޓް (އައިސީސީޑީ) އިން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ވީއެމްސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ޔާސިރު ބައިވެރިވެވަޑައިގެންނެވި އިރު، އިސްލާމިކް ޗެމްބަރ އޮފް ކޮމާސްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ އިދާރާގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޔޫސުފް ޙަސަން ޚަލާވީއެވެ.
ވީއެމްސީން ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ޤައުމީ ޓޫރިޒަމް ޕޯޓްފޯލިއޯގެ ތެރޭގައި ޙަލާލު ޓޫރިޒަމް ވަކި ޚާއްޞަ ދާއިރާއެއްގެ ގޮތުގައި ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، މި ދާއިރާގެ އުފެއްދުންތަކާއި ތަޖުރިބާތައް ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.
މި މަޝްވަރާތަކުގައި ޝައިޚް ޚަލާވީ ވަނީ، ބައިނަލްއަޤްވާމީ ފެންވަރުގައި ޙަލާލު ޓޫރިޒަމަށް ޚާއްޞަ ބޮޑެތި ޙަރަކާތްތައް އިންތިޒާމުކުރުމުގައި އެ ޖަމްޢިއްޔާއަށް ލިބިފައިވާ ތަޖުރިބާގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަމާއި، ދާއިރާގެ އެއްބާރުލުމާއި، ތަޖުރިބާ ބަދަލުކުރުމުގެ ތެރެއިން ރާއްޖޭގައި މި ދާއިރާ ތަރައްޤީ ކުރުމަށް އެހީތެރިވެވިދާނެ ގޮތްތަކާ ގުޅޭގޮތުންނާއި، ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް މަތީ ފެންވަރުގެ ޙަލާލު ފަތުރުވެރިކަމުގެ ޙަރަކާތްތައް ތަޢާރަފުކުރުމުގެ ފުރުޞަތުތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
ވީއެމްސީން ބުނީ، މުސްލިމް ފަތުރުވެރިންނަށް ޚާއްޞަކޮށްފައިވާ މަތީ ފެންވަރުގެ ދަތުރުފަތުރުގެ ތަޖުރިބާތަކަށް މުޅި ދުނިޔޭގައި ވެސް އޮތް ޑިމާންޑު އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން، ޙަލާލު ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ޞިނާޢަތަށް އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ. މީގެއިތުރުން، މި ދާއިރާ ތަރައްޤީ ކުރުމަކީ ރާއްޖޭގެ ޓޫރިޒަމް ޕޯޓްފޯލިއޯ އިތުރަށް ސިންދަފާތުވެ (ޑައިވަރސިފައިވެ)، ބައިނަލްއަޤްވާމީ މާކެޓުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމާއި ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ވަރުގަދަވެގެންދާނެ ކަމެއް ކަމަށް ވެސް ވީއެމްސީން ބުންޏެވެ.
މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، މި ދާއިރާއިން ލިބެން ހުރި ފުރުޞަތުތައް ދެނެގަތުމުގެ އިބްތިދާއީ މަސައްކަތްތައް ވީއެމްސީން މިހާރު ވަނީ ފަށާފައެވެ. އޭގެ ތެރޭގައި ޙަލާލު އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަތުރުވެރިކަމުގެ ތަޖުރިބާތައް ތަރައްޤީ ކުރުމަށް ޝައުޤުވެރިވާ ރިސޯޓުތަކާއި ހޮޓާތައް ދެނެގަތުން ހިމެނެއެވެ.





