އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އަޒީޒަށް މަޤާމުގެ ލިޔުން ޙަވާލުކުރައްވާފައިވާއިރު، މި މަޤާމަށް އޭނާ ޢައްޔަނުކުރައްވާފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ބޭފުޅާގެ މަޤާމުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އަޒީޒް ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ވޯޓުގައި އޭނާއަށް ރުހުން ދިނުމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީގެ 11 މެންބަރެކެވެ.
ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި އެންމެ ފުރަތަމަ ޢައްޔަނުކުރެވުނު އިންފޮމޭޝަން ކޮމިޝަނަރެވެ. މީގެއިތުރުން، އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަމާއި، ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުވެސް މީގެކުރިން އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.





