ހުޅުމާލެއިން ބަނގުރާ ކޭސްތަކަކާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ 28 އަހަރުގެ ފަސަލު ރަޙްމާން މަޓުމަލް އެވެ.
ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު ހުޅުމާލެ ފޭސް 1 ގެ ސަރަހައްދުގައި ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔަ ވަގުތު، ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ޕިކަޕަކަށް ފާރަވެރިވެފައިވާ ކަމަށެވެ. އެ ޕިކަޕު މަޑުކުރުމަށް ފުލުހުން އަތުން އިޝާރާތްކޮށް އަދި ބަރުގޮނު އަޅައިގެން ވެސް އެންގުމުން، އެ ޕިކަޕު މަޑުނުކޮށް ބާރު ސްޕީޑުގައި އަދި ޒިގްޒެކްކޮށް އެކި މަގުތަކުން ދުއްވާފައި ގޮސްފައިވެއެވެ.
އެހެންކަމުން، ފުލުހުން ވަނީ އެ ޕިކަޕު ފަހަތުން ގޮސް ހުއްޓުވައި، ޕިކަޕު ދުއްވަންއިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އޭގެފަހުން އެ ޕިކަޕު ބަލައިފާސްކުރިއިރު، އެ ޕިކަޕުގެ ތެރެއިން ޖުމްލަ 144 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.
ހައްޔަރުކޮށްފައިވާ ފަސަލު ރަޙްމާން މަޓުމަލް، އިންޑިއާ (28އ) ހައްޔަރުކޮށްފައިވަނީ ބަނގުރާ ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލަ ފުލުހުން ދަނީ މިހާރު ތަހުގީގު ކުރަމުންނެވެ.





