ދުނިޔޭގެ އެންމެ މަގުބޫލު އެއް ސްޓްރީމިން ޕްލެޓްފޯމް ކަމަށްވާ ނެޓްފްލިކްސް އިން ގެނެސްދެމުން އަންނަ ބޮލީވުޑްގެ ކާމިޔާބު އެންތޮލޮޖީ ފިލްމު ސީރީޒް ’ލަސްޓް ސްޓޯރީސް‘ ގެ ތިން ވަނަ ބައި މި މަހުގެ 18 ވަނަ ދުވަހު ޕްރީމިއާ ކުރުމަށް ނިންމައިފި އެވެ.
ކުރީގެ ބައިތަކެކޭ އެއްފަދައިން މި ފަހަރު ވެސް މި ފިލްމު އެކުލެވިގެންވަނީ ކުޅަދާނަ ހަތަރު ޑައިރެކްޓަރެއްގެ ތަފާތު ހަތަރު ސެގްމަންޓެއްގެ މައްޗަށެވެ. މީގެ ކުރިން ގެނެސްދިން ބައިތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، މި ފަހަރުގެ ބައިވެސް ވެގެންދާނީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމަކަށެވެ.
’ލަސްޓް ސްޓޯރީސް 3‘ ގެ ސެގްމަންޓްތައް ޑައިރެކްޓްކޮށްފައިވާ މަޝްހޫރު ޑައިރެކްޓަރުންގެ ތެރޭގައި ފަހަކަށް އައިސް ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު ’ލާޕަތާ ލޭޑީސް‘ ގެނެސްދިން، އާމިރު ޚާންގެ ކުރީގެ އަނބިކަނބަލުން ކިރަން ރާއޯ ހިމެނެ އެވެ. މީގެ އިތުރުން މި އަހަރު ނެރުނު ’އޯ ރޯމިއޯ‘ ގެ ކުޅަދާނަ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖާއި، ’ކަޕޫރް އެންޑް ސަންސް‘ ގެ ޑައިރެކްޓަރު ޝަކޫން ބަޓްރާގެ އިތުރުން މަޝްހޫރު ފިލްމު ’އުޅާން‘ ގެނެސްދިން ވިކްރަމަދަތިއާ މޮޓްވާނޭ ވެސް މި ފަހަރުގެ ސެގްމަންޓްތައް ވަނީ ޑައިރެކްޓްކޮށްފަ އެވެ.
މި ސީރީޒްގެ ފުރަތަމަ ބައި ’ލަސްޓް ސްޓޯރީސް‘ ނެޓްފްލިކްސް މެދުވެރިކޮށް ބެލުންތެރިންނަށް ގެނެސްދިނީ 2018 ވަނަ އަހަރު އެވެ. އެ ފަހަރުގެ ސެގްމަންޓްތައް ޑައިރެކްޓްކުރީ ކަރަން ޖޯހަރާއި އަނޫރާގް ކޭޝަޕާއި ޒޯޔާ އަޚްތަރުގެ އިތުރުން ދިބާކަރް ބެނަޖީ އެވެ. އަދި އޭގެ ކާމިޔާބީއަށް ފަހު 2023 ވަނަ އަހަރު ނެރުނު ’ލަސްޓް ސްޓޯރީސް 2‘ ގެ ސެގްމަންޓްތައް ގެނެސްދިނީ އާރް ބަލްކީ، ބަތަލާ ކޮންކޮނާ ސެން ޝަރުމާ، އަމިތު ޝަރުމާ އަދި ސުޖޯއި ގޯޝް އެވެ.
’ލަސްޓް ސްޓޯރީސް‘ ސީރީޒްގެ ޚާއްސަ އެއް ސިފައަކީ އޭގެ ކޮންމެ ބައެއްގެ ކޮންމެ ސެގްމަންޓަކުން ވެސް ބޮލީވުޑްގެ އެންމެ ފުންނާބުއުސް އަދި މަޝްހޫރު ތަރިންތަކެއްގެ މޮޅު އެކްޓިންގ ފެނިގެންދިއުމެވެ. އެހެންކަމުން މި މަހުގެ 18 ގައި ސްޓްރީމް ކުރަން ފަށާ ތިންވަނަ ބައިން ވެސް ވަރުގަދަ ކާސްޓަކާއި ތަފާތު ވާހަކަތަކެއް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.





