ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުން އައި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި ސީރިއަސް ތުހުމަތުތަކާ ގުޅިގެން އެމަނިކުފާނާ ސުވާލުކޮށް މައުލޫމާތު ސާފުކުރުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިދިޔަ 2024 ވަނަ އަހަރުގެ ޑިސެންބަރު 12 ވަނަ ދުވަހު ހިނގި މި ހާދިސާގައި ހައުސިން މިނިސްޓްރީއާއި، އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލުގެ އިދާރާއެއް ހިންގަމުންދިޔަ ގްރީން ބިލްޑިން ކޮމްޕްލެކްސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި އަޅިއަށް ވެފައެވެ. އަދި ދައުލަތުގެ މުހިންމު އެތައް ލިޔެކިއުންތަކެއް އަނދައި، ދައުލަތުގެ މުދަލަކަށް މިފަހުން ލިބުނު އެންމެ ބޮޑު އެއް ގެއްލުން މި ހާދިސާގައި ވަނީ ލިބިފައެވެ.
މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ފުލުހުންނާއި ބޭރުގެ ކަމާބެހޭ މާހިރުން ގުޅިގެން ކުރިއަށްގެންދިޔަ ފުޅާ ތަހުގީގުން ދައްކާ ގޮތުގައި މި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއް ވެގެން ހިނގާފައިވާ ކަމެކެވެ. އަދި މި މައްސަލައިގައި އެއްވެސް ފަރާތަކަށް ޖިނާއީ ތުހުމަތެއް ކުރެވޭނެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް، އެ އިމާރާތުގައި ގަސްދުގައި އަލިފާން ރޯކޮށްލީ ކަމަށާއި އެކަން ކުރި މީހާ ފުލުހުންނަށް ސާފުކޮށް އެނގޭ ކަމަށް ރައީސް ޔާމީން ވަނީ މުތުލަގަށް ވިދާޅުވެ ތުހުމަތު ކުރައްވާފައެވެ. މީގެ ކުރިން ވެސް ޔާމީން ވަނީ މި ހާދިސާގައި އަނދައިގެން ދިޔަ ލިޔެކިޔުންތަކާ މެދު ސުވާލު އުފައްދަވައި، ސަރުކާރުން ކަންކަން ފޮރުވަން އުޅޭ ކަމަށް ތުހުމަތު ކުރައްވާފައެވެ.
ރައީސް ޔާމީންގެ މި ވާހަކަތަކާ ގުޅިގެން މިނިސްޓަރު އިހުސާން ވިދާޅުވީ، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތުތައް ސާފުކޮށް، ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަމެއް އޮތްތޯ ބެލުމަށް ފުލުހުންގެ ޚިދުމަތުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ. މީގެއިތުރުން، މި މައްސަލައިގައި ދިވެހި ފުލުހުންގެ މައްޗަށް ރައީސް ޔާމީން ކުރައްވާފައިވާ ތުހުމަތުތައް މިނިވަންކަމާއެކު ތަހުގީގުކޮށްދިނުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގައި ވެސް މިހާރު އެދިވަޑައިގެންފައިވާނެ ކަމަށް ވަޒީރު އިހުސާން ވަނީ ފާހަގަކުރައްވާފައެވެ.





