ދުނިޔޭގެ މަޝްހޫރު އަދި ފާހަގަކޮށްލެވޭ ބްރޭންޑްތައް ބަލައިގަނެ އަގުވަޒަންކުރާ ބައިނަލްއަޤުވާމީ ޕްލެޓްފޯމް ”ސުޕަރބްރޭންޑްސް“ ރާއްޖެއަށް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.
މި ޕްލެޓްފޯމް ރާއްޖެއަށް ތަޢާރަފްކުރުމުގެ ގޮތުން މާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ”ސުޕަރބްރޭންޑްސް މޯލްޑިވްސް“ އިފްތިތާޙުކޮށްދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ޢަލީ ޙުސައިން ދީދީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޢަލީ ޙުސައިން ދީދީ ވިދާޅުވީ، ސުޕަރބްރޭންޑްސް ރާއްޖެއަށް އައުމަކީ ހަމައެކަނި މަޝްހޫރު ބްރޭންޑްތައް ދެނެގަނެ ފާހަގަކުރުމުގެ އިތުރުން، ވިޔަފާރީގެ އައު އީޖާދުތަކަށް ފުރުޞަތު ހުޅުވިގެންދާނެ ކަމެއް ކަމަށެވެ. އަދި މީގެ ސަބަބުން ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވިޔަފާރިތަކަށް އިތުރު ބާރަކަށް ވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ސުޕަރބްރޭންޑްސް މޯލްޑިވްސްގެ ޗެއާމަން އަދި ޓްރާންސްމީޑިއާގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވީ، މިއީ ރާއްޖޭގެ ވިޔަފާރިތަކަށާއި ޚިދުމަތްދޭ ތަންތަނަށް ބައިނަލްއަޤުވާމީ ފެންވަރުގައި ފައިތިލަ ސާބިތުކޮށް، ދުނިޔޭގެ ސަމާލުކަން ހޯދުމަށް ލިބިގެންދިޔަ ވަރަށް އަގުހުރި އަދި ބޮޑު ފުރުޞަތެއް ކަމަށެވެ.
މީގެ އިތުރުން، ސުޕަރބްރޭންޑްސްގެ ކޯޑިނޭޓަރު ޝަރީފުލް އިސްލާމް ވިދާޅުވި ގޮތުގައި، މި ޕްލެޓްފޯމަކީ ހަމައެކަނި ބްރޭންޑްތަކަށް އެވޯޑު ދިނުމުގެ ބަދަލުގައި، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ހަރުދަނާ މިންގަނޑުތަކެއް ކަނޑައަޅައި، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ވާޞިލުވުމަށް ލޯކަލް ބްރޭންޑްތަކަށް ހިތްވަރުދޭނެ މުހިންމު ވަސީލަތެކެވެ.
ޓްރާންސްމީޑިއާ ޕްރައިވެޓް ލިމިޓެޑުން ނެރުނު ބަޔާނުގައި ވާގޮތުން، މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ ޓޫރިޒަމާއި، ދަތުރުފަތުރާއި، ރީޓެއިލް އަދި އެކި ބާވަތުގެ ޚިދުމަތްދޭ ދާއިރާތައް ހިމެނޭހެން އެކި ސިނާޢަތްތަކުގެ ބްރޭންޑްތައް ފުޅާ ދާއިރާއެއްގައި އިވެލުއޭޓް ކުރެވިގެންދާނެއެވެ.
މި އިވެލުއޭޝަން މަރުޙަލާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މެނޭޖްމަންޓް، މާކެޓިންގ، އެޑްވަޓައިޒިންގ، ޑިޒައިން، ޕީއާރު އަދި ވިޔަފާރީގެ ދާއިރާގެ ފުންނާބުއުސް ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ 15 މެންބަރުންގެ ”ސުޕަރބްރޭންޑްސް މޯލްޑިވްސް ކައުންސިލް“ އިންނެވެ.





