ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާގެ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ ”ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް“ (އެފްއެޗްއޭއެމް 2026) މިއަދު ހުޅުމާލޭގައި ރަސްމީކޮށް ފަށައިފިއެވެ.
މި މަހުގެ 7 އިން 9 ގެ ނިޔަލަށް ކުރިއަށްދާ މި ބޮޑު ފެއާ ބާއްވަނީ އަލަށް ހުޅުވި ހުޅުމާލޭގެ މެންހަޓަން ގްރޭންޑް ހޮޓަލުގައެވެ.
މި ހަރަކާތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނިޔާޒެވެ. އެފްއެޗްއޭއެމް 2026 އަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި، އައު އީޖާދުތަކާއި، ފަންނީ މުބާރާތްތަކުގެ އިތުރުން ދާއިރާގެ އިސްފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ބާއްވާ ބައިނަލްއަޤްވާމީ ފެންވަރުގެ ހަރަކާތެކެވެ.
ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސްގައި މިހާތަނަށް އެންމެ ގިނަ ޤައުމުތަކުން ބައިވެރިވެފައިވަނީ މިއަހަރު ކަމަށްވާއިރު، 22 އަށްވުރެ ގިނަ ޤައުމުގެ 100 އަށްވުރެ ގިނަ އެގްޒިބިޓަރުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ބައިނަލްއަޤްވާމީ ހަތަރު ޤައުމީ ޕެވިލިއަން ހިމެނެއެވެ. މި ފެއާ އިންތިޒާމުކުރާ ދިވެހި އެކްސްޕޯއިން ފާހަގަކުރި ގޮތުގައި، މި ހަރަކާތުގެ ސަބަބުން ބައިނަލްއަޤްވާމީ ސަޕްލަޔަރުންނާއި ރާއްޖޭގެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ސިނާޢަތާ ދެމެދު ވަރުގަދަ ވިޔަފާރީގެ ގުޅުމެއް ޤާއިމުވެގެންދާނެއެވެ.
ދިވެހި އެކްސްޕޯގެ މެނޭޖިން ޑިރެކްޓަރ އިމްރާން ހަސަން ވިދާޅުވީ، މި އެގްޒިބިޝަންގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ 120 އަށްވުރެ ގިނަ އެގްޒިބިޓަރުންނާއި ބްރޭންޑްތަކުން ބައިވެރިވާ ކަމަށެވެ. އަދި 600 އަށްވުރެ ގިނަ ޝެފުން ބައިވެރިވާއިރު، ބަރިސްޓާ ޗެމްޕިއަންޝިޕް، މޮކްޓެއިލް ކޮމްޕެޓިޝަން އަދި ހައުސްކީޕިން އެންޑް ބެޑް ޑެކަރޭޝަން ޗެލެންޖު ފަދަ ޝައުގުވެރި މުބާރާތްތައް ކުރިއަށްދާނެ ކަމަށާއި، މި ފެއާއަށް 1000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެފްއެޗްއޭއެމް 2026 އަކީ ރިސޯޓުތަކާއި، ހޮޓާތަކާއި، ރެސްޓޯރަންޓް، ގެސްޓްހައުސް އަދި ކެފޭތަކަށް ބޭނުންވާ ޚިދުމަތްތަކާއި ފުރުޞަތުތައް ފަހިކޮށްދޭ ”މައިސް“ (MICE) ޕްލެޓްފޯމެކެވެ. މިއަހަރުގެ އިވެންޓް ބާއްވާ މެންހަޓަން ގްރޭންޑް ހޮޓަލަކީ ރާއްޖޭގެ މައިސް އިންޑަސްޓްރީއަށް ޚާއްޞަކޮށް ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ އައު ބިނާއަކަށްވާއިރު، މި ހަރަކާތާއެކު އެ ހޮޓާ ރަސްމީކޮށް ހުޅުވިގެން ދިއުމަކީ ރާއްޖޭގެ އިވެންޓް އިންޑަސްޓްރީއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މި ފެއާގެ ތެރެއިން ކުރިއަށްދާ މުބާރާތްތަކުގެ ތެރޭގައި ހިމެނޭ ”އެފްއެޗްއޭއެމް ކަލިނަރީ ޗެލެންޖް“ އަކީ ވޯލްޑް ޝެފްސްއިން އެންޑޯޒްކޮށްފައިވާ، ރާއްޖޭގައި ބާއްވާ މިފަދަ ހަމައެކަނި ޤައުމީ މުބާރާތެވެ. މި މުބާރާތުގައި 60 އަށްވުރެ ގިނަ ރިސޯޓުން 600 އަށްވުރެ ގިނަ ބައިވެރިން ވާދަކުރެއެވެ. މީގެ އިތުރުން 20 ރިސޯޓަކުން ބަރިސްތާ ޗެމްޕިއަންޝިޕްގައި ވާދަކުރާއިރު، 30 ރިސޯޓަކުން ހައުސްކީޕިންގ މުބާރާތުގައި އަދި 30 އަށްވުރެ ގިނަ ރިސޯޓުން 35 ބައިވެރިންނާއެކު މޮކްޓެއިލް މުބާރާތް ކުރިއަށްދާނެއެވެ.
ފެއާގައި ބައިވެރިވި ފަރާތްތަކުން ފާހަގަކުރި ގޮތުގައި، މިއީ ވިޔަފާރީގެ އުފެއްދުންތަކާއި މަސައްކަތްތައް ޕްރޮމޯޓުކޮށް ގިނަ ބަޔަކަށް ދައްކާލުމަށް ލިބުނު ރަނުގެ ފުރުޞަތެކެވެ. މި ހަރަކާތުގެ ސަބަބުން ރާއްޖެއަކީ ފަތުރުވެރިކަމުގެ ވިޔަފާރިއާއި، ކެއްކުމުގެ ހުނަރާއި، އަދި ބައިނަލްއަޤްވާމީ ކޮންފަރެންސްތައް ބޭއްވުމުގެ މުހިންމު މަރުކަޒެއްގެ ގޮތުގައި އިތުރަށް މަޤްބޫލުވެގެންދާނެއެވެ.
މި އެގްޒިބިޝަނާއި މުބާރާތްތައް މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، މުބާރާތްތަކުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.





