ސިޔާސީ މަގާމެއްގައި ހުންނަވައިގެން، ތ. އަތޮޅުގައި ރިސޯޓެއް ތަރައްގީކުރާ ކުންފުންޏެއްގެ ހިއްސާދާރަކަށް ވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އާއިލީ ބޭފުޅަކު، އޭނާ އަދާކުރައްވަމުން ގެންދެވި ސިޔާސީ މަގާމުން ވަކިކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އާއިލާ ބޭފުޅަކު މެދުވެރިކޮށް ތ. އަތޮޅުގައި ރިސޯޓެއް ތަރައްގީކުރައްވަން އުޅުއްވާ ކަމަށް ބައެއް ލިޔެކިޔުންތަކާއެކު މީޑިއާތަކުގައްޔާއި ސޯޝަލް މީޑިއާގައި ފަތުރަމުންދާ ތުހުމަތުތަކުގެ ހަގީގަތަކީ ކޮބައިތޯ ސުވާލު ދަންނަވާފައެވެ.
ނޫސްވެރިޔާގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނޫހަކުން އެފަދަ ވާހަކައެއް އެމަނިކުފާނަށް ވެސް ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އެމަނިކުފާނުގެ އާއިލާއަކީ ވަރަށް ގިނަ މެންބަރުން ހިމެނިވަޑައިގަންނަވާ ބޮޑު އާއިލާއެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ މައުލޫމާތު ލިބިވަޑައިގަތުމުން އެއީ ތެދެއްތޯ އެ ބޭފުޅާއާ ސުވާލު ކުރެއްވި ކަމަށެވެ. އެ ސުވާލުގެ ޖަވާބުގައި އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއް އެބައޮތް ކަމަށާއި، އެ ވާހަކައަކީ ތެދެއް ކަމަށް އޭނާ ވިދާޅުވި ކަމަށް ރައީސް ހާމަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެކަން ކަށަވަރު ކުރެއްވުމަށްޓަކައި އެމަނިކުފާނު އަމިއްލަފުޅަށް ވެސް އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލްއަށް ވަދެވަޑައިގެން އެކަން ބެއްލެވި ކަމަށާއި، އަދި އެއީ ތެދެއްކަން ސާބިތުވި ކަމަށެވެ. މީގެއިތުރުން އެއީ އެމަނިކުފާނާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި، ނަމަވެސް އެކަން އެނގުނު ހިސާބުން، ސަރުކާރުގެ މަގާމެއްގައި ހުންނަވައިގެން އެފަދަ ކަމެއް ކުރެއްވުމަކީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ އުސޫލެއް ނޫން ކަމަށްވާތީ އޭނާ ވަޒީފާއިން ވަކިކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
”ދެން އެކަން އެނގުނު ހިސާބުން، އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން އެއީކީ، ސަރުކާރުގެ މަގާމެއްގައި، އަޅުގަނޑު ދީފައި ހުރި، އަޅުގަނޑު އެޕޮއިންޓް ކޮށްފައި ހުރި މަގާމެއްގައި ހުރި ބޭފުޅަކު އެކަހަލަ ކަމެއް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން. އެހެންވީމާ އަޅުގަނޑު ހުންނާނީ ވަޒީފާއިން ވަކިކޮށްފައި،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީޑިއާތަކުގައި ދައުރުވަމުންދާ މައުލޫމާތުތަކަށް ބަލާއިރު، މި މައްސަލާގައި މަގާމުން ވަކިކުރައްވާފައިވަނީ ފޮރިން މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުންނެވި ރައީސްގެ އާއިލީ ބޭފުޅެކެވެ. އޭނާ މަގާމުން ވަކިކުރެއްވީ އެ ބޭފުޅާގެ ހިއްސާ އޮންނަ ކުންފުންޏަކާ ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއެއް ހަވާލުކޮށްފައިވާ މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ.





