މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއާމަންކަމުގެ މަގާމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް އަޙްމަދު ޝަހީރު މިއަދު އައްޔަންކުރައްވައިފިއެވެ.
ޝަހީރު މި މަގާމަށް އައްޔަންކުރައްވާފައި މިވަނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމުން މިދިޔަ ހަފުތާގެ ތެރޭގައި އޭނާ ވަކިކުރެއްވުމަށް ފަހުގައެވެ. ޝަހީރު އެޗްޑީސީގެ ޗެއާމަނަކަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 29 ގައެވެ.
އަޙްމަދު ޝަހީރަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ގިނަ އަހަރުތަކެއް ވަންދެން އިސް މަގާމުތަކެއް ފުރުއްވައި، މެނޭޖްމަންޓް ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން، ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގައި ޝަހީރު ވަނީ 29 އަހަރު ދުވަހު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. އަދި 2015 އިން 2018 އަށް އޭނާ ވަނީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.
މީގެއިތުރުން، ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމު ވެސް ޝަހީރު ވަނީ ކުރިން ފުރުއްވާފައެވެ.





