ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައި ހުޅުމާލޭގައި ހުރި އެއްމެދު އިމާރާތްތަކުގެ ކުޑަދޮރުތަކުގައި ރައްކާތެރިކަމުގެ ގްރިލް ހަރުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފަށައިފިއެވެ.
އެޗްޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި، އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައިވާ ފްލެޓުތަކުގެ ބެލްކަނީ އަދި ކުޑަދޮރުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް އެހީތެރިކަމަށް އެދިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް އިއްޔެ ވަނީ ފަށާފައެވެ. އެގޮތުން ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ބައެއް ހިޔާ ފްލެޓްތަކުގެ ކުޑަދޮރުތަކުގައި މިހާރު ވަނީ ގްރިލް ހަރުކުރަން ފަށާފައެވެ.
މި މަސައްކަތަކީ އެޗްޑީސީގެ އިޖުތިމާޢީ ޒިންމާ (ސީއެސްއާރު) ގެ ދަށުން، އެއްމެދު އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގެ ރެއިލިން ފަދަ ތަންތަން ހުރީ ގަވާއިދާ އެއްގޮތަށްތޯ ބަލައި، އެ ތަންތަން ގަވާއިދަށް ފެއްތުމަށާއި މަރާމާތު ކުރުމަށް އާންމު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.
އެޗްޑީސީން ބުނީ މިފަދަ އެއްމެދު އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން މަރާމާތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، އެ ކޯޕަރޭޝަނުން އާންމުކޮށްފައިވާ ގޫގުލް ފޯމު މެދުވެރިކޮށް މި މަހުގެ 30 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެހީއަށް އެދި ލިބޭ ހުށަހެޅުންތައް ރަނގަޅަށް ވަޒަންކުރުމަށްފަހު، އެޗްޑީސީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ސަލާމަތީ ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެޗްޑީސީން މިފަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައި މިވަނީ، ދާދިފަހުން ހުޅުމާލޭގެ ފްލެޓުތަކުގެ ވައިގޮޅިންނާއި ކުޑަދޮރުން ދެ ކުއްޖަކު ވެއްޓި ހިތާމަވެރި ހާދިސާތަކެއްގައި ނިޔާވެފައިވާ ދަނޑިވަޅެއްގައެވެ. މި ހިތާމަވެރި ހާދިސާތަކާ ގުޅިގެން، ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ، ހާއްސަކޮށް ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެޗްޑީސީން އަންނަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ.





