އިންޑިއާގެ ޗާޓަރު ފްލައިޓްގެ ހިދުމަތް ދިނުމުގެ އިތުރުން ޕައިލެޓުން ތަމްރީނުކުރާ އަމިއްލަ އޭވިއޭޝަން ކުންފުންޏަކުން މަޝްހޫރު ސެލެބްރިޓީ ނޯރާ ފަތޭހީއާ ދެކޮޅަށް އަގުހުރި ދައުވާއެއް ކޯޓަށް ހުށަހަޅައިފި އެވެ.
ކުންފުންޏަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައި ފާޅުކުރި ޝުއޫރުތަކަކާ ގުޅިގެން، ނޯރާގެ އަތުން ބަދަލުގެ ގޮތުގައި 3 ކްރޯޑް ރުޕީސް ހޯދުމަށް މި ދައުވާ އުފުލާފައިވަނީ ”ޑޫންސް އޭވިއޭޝަން“ ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.
މި މައްސަލަ އުފެދެން ދިމާވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި މުމްބާއީން ޖޭޕޫރަށް އެ އެއާލައިންގެ ބޯޓެއްގައި ނޯރާ ކުރި ދަތުރަކާ ގުޅިގެންނެވެ. އެ ދަތުރުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން، އޭނާ ދަތުރުކުރި ބޯޓަކީ ކުޅޭކުޅޭ އެއްޗެއް އަދި ”ލެގޯ“ ބޯޓެއްގެ ގޮތުގައި ނޯރާ ވަނީ ސިފަކޮށްފަ އެވެ.
ޑޫންސް އޭވިއޭޝަނުން ބުނެފައިވަނީ ނޯރާގެ މި ވާހަކަތަކުގެ ސަބަބުން ކުންފުންޏަށް ވަރަށް ބޮޑެތި މާލީ އަދި އަގުވެއްޓުމުގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގައި އެ ކުންފުނީގެ އެތައް ފޮލޯވަރުންނެއް ގެއްލި، ކުންފުންޏާމެދު އާންމުންގެ މެދުގައި އޮތް އިތުބާރު ކުޑަވެގެން ދިޔަކަން ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން، ފްލައިޓް ބުކިންސްތަކަށް 15 އާއި 20 ޕަސެންޓުގެ ދަށްވުމެއް އައިސް، ކުރިން ހަދާފައި ހުރި އެތައް ބުކިންސްއެއް ކެންސަލްވެގެން ދިޔަ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.
މި ގެއްލުންތަކުގެ ބަދަލު ހޯދުމުގެ ގޮތުން ނޯރާއާ ދެކޮޅަށް ގާންދީނަގަރް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިހާރު ވަނީ މި މަހުގެ 25 ވަނަ ދުވަހަށް ތާވަލުކޮށްފަ އެވެ.
އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މިހާރު ވަރަށް ނުފޫޒު ގަދަ ތަރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ނޯރާ ފަތޭހީ އަކީ ބޮލީވުޑް ފިލްމުތަކުގައި އޭނާގެ ފުރިހަމަ ނެށުމުގެ ހުނަރު ދައްކައިގެން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނެކެވެ. މީގެ އިތުރުން އޭނާ އަންނަނީ މަދުމަދުން ބައެއް ފިލްމުތަކުގައި އެކްޓިންގެ ރޯލުތައްވެސް އަދާކުރަމުންނެވެ.





