ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްޅާގެ އަލަތު ވެބް ސީރީޒްގެ ނަން ބަދަލުކޮށް، އެ ސީރީޒް ޕްރީމިއާކުރާ ރަސްމީ ތާރީޚު އިއުލާންކޮށްފިއެވެ.
މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމް، ނެޓްފްލިކްސް މެދުވެރިކޮށް މި މަހުގެ 24 ވަނަ ދުވަހު މި ސީރީޒް ސްޓްރީމްކުރަން ނިންމާފައިވާއިރު، ސީރީޒްގެ ނަމަކަށް މިހާރު ވަނީ ”ޝައްކު: ޓްރަސްޓް ނޯ ވަން“ ހަމަޖައްސާފައެވެ. މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މި ސީރީޒްގެ ފުރަތަމަ ޓީޒާ ދައްކައިލި އިރު، މީގެ ނަމެއްގެ ގޮތުގައި ހަމަޖައްސާފައި އޮތީ ”ތަލާޝް: އަ މަދާސް ސާޗް“ އެވެ.
މި ސީރީޒަކީ ގެއްލިގެން ހޯދަމުންދާ 9 އަހަރުގެ ކުޑަކުއްޖަކު ހޯދުމަށް މަންމައަކު ކުރާ ހިތްވަރުގަދަ އަދި ނުރައްކާތެރި މަސައްކަތްތަކާއި، އެ ދަތުރުގައި ދިމާވާ ހާދިސާތަކެއް ދައްކުވައިދޭނެ ކްރައިމް ތުރިލާއެކެވެ.
މި ސީރީޒަކީ ޑައިރެކްޓަރު ސިދާތު ޕީ މަލްހޯތުރާ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެ، ކުޅަދާނަ ޑައިރެކްޓަރު ރެންސިލް ޑި ސިލްވާ ޑައިރެކްޓްކޮށްފައިވާ އުފެއްދުމެކެވެ. ރެންސިލް އަކީ ސައިފް އަލީ ޚާނާއި ކަރީނާ ކަޕޫރުގެ ފިލްމު ”ގުރްބާން“ (2009) އާއި އިމްރާން ހާޝިމީ އާއި ކަންގަނާ ރަނާވަތުގެ ފިލްމު ”އުނގްލީ“ (2014) ގެ އިތުރުން 2021 ވަނަ އަހަރު ނުކުތް ”ޑަޔަލް 100“ ގެނެސްދިން ޑައިރެކްޓަރެވެ.
”ޝައްކު“ ގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި، ބަތަލާ އާލިއާ ބަޓްގެ މަންމަ ސޯނީ ރާޒްދާން، ސުމީތު ވިއާސް، ޓީވީ ބަތަލާ ޖެނިފާ ވިންގެޓް، އަނޫޕް ސޯނީ، ތާހިރު ބާސީން، ހަރްލީން ސޭތީ އަދި ދުރޫވް ޗައުދަރީ ހިމެނެއެވެ.
ބޮލީވުޑްގައި މިހާތަނަށް މާ ބޮޑު ކާމިޔާބީތަކެއް ހޯދިފައި ނުވާ އުމުރުން 37 އަހަރުގެ ޕަރިނީތީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ، މި އަހަރުގެ ކުރީކޮޅު ނެޓްފްލިކްސް އިން ރިލީޒްކުރި ޑައިރެކްޓަރު އިމްތިއާޒް އަލީގެ ކާމިޔާބު ފިލްމު ”އަމަރު ސިންގް ޗަމްކީލާ“ އިންނެވެ.





