ދިވެހިންގެ މެދުގައި އޮތް އިޙުތިރާމް ކުރުމުގެ ރިވެތި އާދަ އަލުން ދިރުވައި އާލާކުރުމުގެ ގޮތުން ”ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް“ އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިދިޔަ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
ދިވެހީންގެ ތެރެއިން ފަނޑުވަމުންދާ އިޙުތިރާމް ކުރުމުގެ ރީތި އާދަ އަލުން އަށަގެންނެވުމަށްޓަކައި ޤައުމީ ފެންވަރުގައި ބޮޑު ކެމްޕެއިނެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާ، އެ މަސައްކަތްތައް މިހާރު ފައްޓަވާފައެވެ. މިގޮތަށް ނިންމެވި މައިގަނޑު ސަބަބަކީ މި ސަރުކާރު ވެރިކަމާ ހަވާލުވުމާ ހަމައަށް ދިޔައިރު، ދިވެހިންގެ ޤައުމީ އައިޑެންޓިޓީ ގެއްލުމުގެ މަގުމަތީގައި އޮތުމުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހުރި ރިވެތި އަޚްލާޤީ ސިފަތައް މުޖުތަމަޢުގައި އަލުން އިޔާދަކުރެއްވުމުގެ ގޮތުން، އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ މަޝްރޫޢެއް މުޅި ރާއްޖޭގައި ހިންގެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޤައުމީ މަޝްރޫޢުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ”އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ“ މިއެވެ.
މި މަޝްރޫޢުގެ މަސައްކަތްތައް ވިލަރެސްކޮށް ހިންގުމަށްޓަކއި، ދާއިރާގެ ފަންނީ ތަޖުރިބާ ހުރި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ޚާއްޞަ ކޮމިޓީއެއް އުފެއްދެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ހިމެނޭގޮތަށް އެކުލަވާލާ މި ކޮމިޓީގައި ދެން ހިމެނެނީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާ އާއި، ދިފާޢީ އަދި ވަތަނީ ޚިދުމަތާބެހޭ ވުޒާރާ އާއި، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާއެވެ. މީގެއިތުރުން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާ އާއި، ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވުޒާރާގެ އިތުރުން، އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވުޒާރާ އަދި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާވެސް މި ކޮމިޓީގައި ހިމެނެއެވެ.
ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ”ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް“ ފާހަގަކުރާ ދުވަހަކީ މި ޤައުމީ ބޮޑު މަޝްރޫޢު ރަސްމީކޮށް އިފްތިތާޙު ކުރާ ދުވަސް ކަމުގައި ހަމަޖެއްސެވުމަށެވެ. މިއީ ދިވެހި މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަށަގަންނުވައި، އެއްބައިވަންތަ އަދި އަމާން މާޙައުލެއް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.





