ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ ކާމިޔާބު ކްރައިމް ތުރިލާ ފްރެންޗައިޒްގެ ތިންވަނަ ފިލްމު ’ޑްރިޝަމް 3‘ ގެ ފޯރިގަދަ ޓްރެއިލާ މިއަދު އާންމުކޮށްފި އެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހު އެވެ.
މިދިޔަ މަހުގެ ތެރޭގައި ޝޫޓިން އެއްކޮށް ނިންމައިލި މި ފިލްމަކީ އަބީޝެކް ޕަތަކް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. މިއީ މި ސީރީޒްގެ ތެރެއިން އޭނާ ޑައިރެކްޓްކުރި ދެވަނަ ފިލްމެވެ. އަބީޝެކް މީގެ ކުރިން ވަނީ 2022 ވަނަ އަހަރު ރިލީޒްކުރި މި ސީރީޒްގެ ދެވަނަ ބައި ކަމަށްވާ ’ޑްރިޝަމް 2‘ ވެސް ޑައިރެކްޓްކޮށްފަ އެވެ. މި ސީރީޒްގެ އެންމެ ފުރަތަމަ ފިލްމު 2015 ގައި ގެނެސްދިނީ 2020 ވަނަ އަހަރު މަރުވި ކުޅަދާނަ ޑައިރެކްޓަރު ނިޝިކަންތު ކަމަތު އެވެ.
’ޑްރިޝަމް‘ ފިލްމު ސީރީޒަކީ މަޝްހޫރު މަލަޔާޅަމް އެކްޓަރު މޯހަންލާލާ އެކު ހަމަ އެ ނަމުގައި ގެނެސްދެމުން އަންނަ ފިލްމުތަކަށް ބިނާކޮށް އުފައްދާ ހިންދީ ރީމޭކެކެވެ. މޯހަންލާލުގެ ’ޑްރިޝަމް 3‘ މިދިޔަ މެއި މަހުގެ 21 ގައި ރިލީޒްކޮށްފައިވާއިރު، އަޖޭގެ މި ފްރެންޗައިޒްގެ ކުރީގެ ދެ ބަޔަކީ ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައި، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ދެ ފިލްމެވެ.
މި ފަހަރުގެ ފިލްމުން ވެސް އަޖޭއާ އެކު ކުރީގެ ދެ ބައިގެ މައިގަނޑު ކާސްޓް ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ޝްރިޔާ ސަރަން، ރަޖަތު ކަޕޫރް، ތައްބޫ އަދި އިޝިތާ ދައްތާ ހިމެނެ އެވެ. މީގެ އިތުރުން ’ޑްރިޝަމް 3‘ ގެ ކާސްޓަށް އަލަށް އިތުރުވި އެންމެ ފާހަގަކޮށްލެވޭ އެއް ތަރިއަކީ ކުޅަދާނަ އެކްޓަރު ޖައިދީޕް އަހުލުވާތެވެ.
އަޖޭ ދޭވްގަންގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ މިދިޔަ ޖުލައި މަހު ރިލީޒްކުރި އެޑްވެންޗަ ކޮމެޑީ ’ދަމާލް 4‘ އެވެ. އަދި އަންނަ މަހު ރިލީޒްކުރާ ’ޑްރިޝަމް 3‘ ވެގެންދާނީ މި އަހަރު ބޮލީވުޑުން ފެންނާނެ އެންމެ ވަރުގަދަ އެއް ތުރިލާ އަށެވެ.





