އަދު ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން މީގެ ކުރިން ދޫކޮށްފައި އޮތް ސަރަހައްދުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑެއް ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ”ދިވެހިނިއުސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވޯޓާ ތީމް ޕާކެއް ހަދަން ދޫކުރި ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް، އެ މީހާއާއި އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖޭގެ ފުރަތަމަ ވޯޓާ ތީމް ޕާކު ހެދުމަށްޓަކައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މެލޭޝިއާގެ މިރީ ހައުސިންގް ޑިވެލޮޕްމެންޓް ސެންދިރިއަން ބަރުހާދާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، 2017 ވަނަ އަހަރުއެވެ. އޭރު އެޗްޑީސީން ބުނީ 2018 ވަނަ އަހަރު ނިމުމުގެ ކުރިން މި ޕާކު ހުޅުވޭނެ ކަމަށެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 25 މިލިއަން ޑޮލަރަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މި މަސައްކަތް ކުރިއަކަށް ގޮސްފައެއް ނުވެއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައި، 2021 ވަނަ އަހަރު، އެޗްޑީސީން ވަނީ ވޯޓާ ތީމް ޕާކުގެ މަސައްކަތް މެލޭޝިއާގެ ކުންފުންޏަށް ދިނީ އެ ކުންފުންޏަށް ނާޖާއިޒު މަންފާތަކެއް ލިބޭ ގޮތަށް ކަމަށް ތުހުމަތުކުރެވޭ ކަމަށް ބުނެފައެވެ. އަދި އެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފައިވާ ކަމަށް ވެސް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.





