ވިޔަފާރިތަކަށް ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކާއި ދަތިތައް ހައްލުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ”ބިޒްނަސް ފެސިލިޓޭޝަން ޕޯޓަލް“ ގެ ނަމުގައި ހާއްސަ އޮންލައިން ޕޯޓަލެއް ތައާރަފުކޮށްފިއެވެ.
މި ޕޯޓަލް ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ ވިޔަފާރިތައް ހިންގުމުގައި ދިމާވާ ތަފާތު މައްސަލަތަކާއި ކަންބޮޑުވުންތައް ފަސޭހަކަމާއެކު އޮންލައިންކޮށް ހުށަހަޅައި، އެ ކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމެވެ.
މި ޕޯޓަލް މެދުވެރިކޮށް ވިޔަފާރިތަކުގެ ދަތިތަކާއި ކަންބޮޑުވުންތައް ހުށަހެޅުމުގެ އިތުރުން، ވިޔަފާރިތަކުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ހޯދުމާއި، ވިޔަފާރީގެ މާހައުލު ރަނގަޅުކުރުމަށް ބޭނުންވާ ބިނާކުރަނިވި ޚިޔާލުތައް ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ. މީގެ އިތުރުން ، ވިޔަފާރިތަކުން ހުށަހަޅާ މައްސަލަތަކާއި ކަންބޮޑުވުންތަކުގެ އެންމެ ފަހުގެ އަދާހަމަ (ސްޓޭޓަސް) ބަލައިލުމާއި، އެ ކަމަކާ މެދު މިނިސްޓްރީން ނިންމާ ގޮތެއް ނުވަތަ ޖަވާބުދާރީވުމުގެ މަސައްކަތް ގޮސްފައިވާ މަރުހަލާ ވެސް މި ޕޯޓަލް މެދުވެރިކޮށް ވަގުތުން ބަލައިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މިއީ އީމެއިލް ކުރުމާއި، ފޯނު ކޯލްތައް މެދުވެރިކޮށް ނުވަތަ ސީދާ މިނިސްޓްރީއަށް ހާޒިރުވެގެން މައްސަލަތައް ހުށަހެޅުމުގެ ބަދަލުގައި، ވީހާވެސް ލުއިފަސޭހަކަމާއި ހަލުވިކަމާއެކު ޚިދުމަތްތައް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ގެނެވުނު މުހިންމު ބަދަލެއް ކަމަށެވެ.
މި އައު ޚިދުމަތާއެކު ރާއްޖޭގައި ވިޔަފާރި ކުރުމަށް އޮތް ފުރުސަތުތައް އިތުރަށް ފަހިވެ، ސަރުކާރާއި ވިޔަފާރިވެރިންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް މިނިސްޓްރީން ދެކެއެވެ.





