ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށްޓަކައި މީހަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައިގެ ތަހުގީގަށް ހޯދަމުންދަނީ ސ. ހިތަދޫ، ކަށިސުތުލިގެ، އުމުރުން 46 އަހަރުގެ މުޙައްމަދު ޢިމާދެވެ.
އޭނާ ހޯދުމަށް އާންމުކޮށް އިއުލާނުކުރަން ޖެހުނީ، އުޅޭ ވަކި ތަނެއް އެނގިފައި ނުވާތީ ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށް ފުލުހުން ބުނެއެވެ. ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ނެރުނު މި އިއުލާނުގައި ބަޔާންކޮށްފައިވަނީ، އޭނާ ހާޒިރުކުރަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށެވެ.
އެހެންކަމުން، އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން 12:00 އާ ދެމެދު، ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށް މުޙައްމަދު ޢިމާދަށް ވަނީ އަންގާފައެވެ.
ރާއްޖޭގައި މަކަރާއި ހީލަތުން މާލީ މުއާމަލާތްތައް ހިންގައިގެން ފައިސާ ހޯދާ ސްކޭމްތަކުގެ މައްސަލަ ވަރަށް ބޮޑަށް އިތުރުވަމުންދާތީ، އެފަދަ ކަންކަން ހުއްޓުވައި ތަހުގީގުތައް އަވަސްކުރުމަށް ފުލުހުން ވަނީ ޚާއްސަ އެންޓި ސްކޭމް ސެންޓަރެއް ގާއިމުކޮށްފައެވެ. މި ސެންޓަރުން ދަނީ މިފަދަ މައްސަލަތައް ސީރިއަސްކަމާއެކު ބަލައި، ސްކޭމްތަކުން ރައްކާތެރިވުމަށް އާންމުން ހޭލުންތެރިކުރުމުގެ ގިނަ ހަރަކާތްތަކެއްވެސް ހިންގަމުންނެވެ.
ފަހަކަށް އައިސް ތަފާތު އެކި އުކުޅުތައް ބޭނުންކޮށްގެން، އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ އަތުލާ މައްސަލަތައް މުޖުތަމައުގައި ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.





