ސިޔާސީ ޕާޓީތަކުން ހިންގާ އެކި ހަރަކާތްތަކުގައި ގާނޫނާ ހިލާފަށް ސާބިތުނުހިފޭ ތުހުމަތުތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާތީ، ގާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކަށް ތަބާވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުރިހާ ސިޔާސީ ޕާޓީތަކަށް ނަސޭހަތްތެރިވެއްޖެއެވެ.
އީސީން މިކަމާ ގުޅިގެން މިއަދު ނޫސްބަޔާނެއް ނެރެފައި މިވަނީ، ކުރިން ހައުސިން މިނިސްޓްރީ ހިންގި އިމާރާތުގައި ރޯކޮށްލީ ކާކުކަން ފުލުހުންނަށް އެނގޭނެ ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ކިހާ ގާތް ބޭފުޅެއްކަން ވެސް އެނގޭނެ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައިވަނިކޮށެވެ. ނަމަވެސް އެ ތުހުމަތުތައް ރައީސް މުއިއްޒު ވަނީ ދޮގުކުރައްވައިފައެވެ. އަދި އެ ވާހަކަތަކާ ގުޅިގެން ފުލުހުންގެ ތަހުގީގަށް މައުލޫމާތު ދިނުމަށް ރައީސް ޔާމީން ހާޒިރުވާން އެންގުމުން، ފަހުން އެމަނިކުފާނު ވިދާޅުވެފައިވަނީ ގްރީން ބިލްޑިންގުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އީސީގެ ބަޔާނުގައި ފާހަގަކޮށްފައިވަނީ، ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް އެއްވެސް ޕާޓީއަކާ ނުވަތަ މެންބަރަކާ ބެހޭގޮތުން ފާޑުކިޔުމަކީ ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގެ (ރ) އާ ހިލާފު ކަމެއް ކަމަށެވެ. އަދި މިއީ ސިޔާސީ ޕާޓީތަކުން ކޮންމެހެން ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
މީގެއިތުރުން، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށްވީ ނަމަވެސް، އެ ހައްގުގެ ބޭނުން ހިފަންވާނީ ޒިންމާދާރުކަމާއެކު ގާނޫނީ އިމުގެ ތެރޭގައި ކަމަށް އީސީން ހަނދާންކޮށްދީފައިވެއެވެ. އެހެންކަމުން، ސިޔާސީ އެކިއެކި ހަރަކާތްތައް ރާވައި ހިންގުމުގައި ޒިންމާދާރުކަމާއެކު ގާނޫނުގެ ތެރޭގައި ތިބުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އީސީން ވަނީ ސިޔާސީ ޕާޓީތަކުގެ އެއްވުންތަކާއި ޖަލްސާތައް ބޭއްވުމުގައި، ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ތަބާވުމަށް އަންގައިފައެވެ. އަދި ހަމައެއާއެކު، އެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ހ) ގައި ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެ ކަމަށް ކަނޑައަޅާފައިވާ ކަންކަމުން ދުރުހެލިވުމަށާއި، ރާއްޖޭގައި އަމަލުކުރަމުންދާ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުނުވާނޭހެން އަމަލުތައް ބެހެއްޓުމަށް ހުރިހާ ޕާޓީތަކަށް އީސީން ވަނީ ނަސޭހަތްތެރިވެފައެވެ.





