ބޯހިޔާވަހިކަމާ ގުޅުންހުރި އެކި ސަބަބުތަކާ ހުރެ ހައްލުނުވެ ދުވަސްވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި، މީގެ ފަހުން އެފަދަ މައްސަލަތައް ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސްއަށް ފޮނުވުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރައްވައި ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޯހިޔާވަހިކަމާ ގުޅޭ ގޮތުން އެކި ސަބަބުތަކާ ހުރެ ހައްލު ނުވެ ގިނަ ދުވަސްވެފައިވާ މައްސަލަތަކުގައި ސީދާ އެ ވުޒާރާއިން މީގެ ފަހުން ގޮތް ކަނޑަނާޅަން ނިންމާފައިވާ ކަމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަތަކަކީ އާންމު ފަރުދުންގެ ދިރިއުޅުމާ ނުހަނު ބޮޑަށް ގުޅިފައިވާ ހައްސާސް ކަންކަމަށް ވާތީ، އެފަދަ މައްސަލަތައް ހައްލުކުރުމުގައި ވީހާވެސް ހާމަކަން ބޮޑު އަދި އިންސާފުވެރި ގޮތެއްގައި ޢަމަލުކުރުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން، މިފަދަ މައްސަލަތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އޮފީސް ފޯ ސިވިލް ރައިޓްސްއަށް ފޮނުވުމަށްފަހު، އެ ވުޒާރާއިން ކުރިއަށްދާނީ އެ އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ 113 މަޝްރޫޢެއްގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ އަދި އިތުބާރު ހުރި ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ އިސް އެއް އަމާޒެވެ. އެގޮތުން، ސަރުކާރުން ފަހިކޮށްދޭ ބޯހިޔާވަހިކަމުގެ އެކި ފުރުޞަތުތަކާއެކު، 2028 ވަނަ އަހަރުގެ މެދަކާ ހިސާބަށްދާއިރު ރާއްޖޭގެ ގިނަ ރައްޔިތުންތަކަކަށް ގެދޮރުވެރިކަން ކަށަވަރުވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.





