މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެފައިވަނީ، އެއީ އާދައިގެ ކަމެއް ނޫން ކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރަށްރަށުގައި އޭޓީއެމް ހުޅުވައި ދެއްވުމަށް ކުރައްވާ ދަތުރުފުޅުތަކަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ހދ. ނެއްލައިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ގެންނަ 2500 ޑޮލަރުގެ އޭޓީއެމްތައް ރަށްރަށުގައި ބަހައްޓައި، އެކަން ސަރުކާރުން މާ ބޮޑު މަޝްރޫއެއްގެ ގޮތުގައި ދައްކާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މާ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްވުރެ، ސަރުކާރުން މިއަދު އިސްކަން ދެނީ އޭޓީއެމް ބެހެއްޓުމަށެވެ.
މިކަމުގައި މި ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވައެވެ. އެމަނިކުފާނުގެ ޕާޓީ، ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވަނީ، ތަރައްގީގެ މަޝްރޫއުތައް ނުހިންގަވައި، ތަރައްގީގެ ނަމުގައި ކޮންމެ ރަށެއްގައި އޭޓީއެމް ބަހައްޓައި، އެކަމުގެ އުފާ ފާޅުކުރާ ކަމަށް ވިދާޅުވެފައެވެ.
ރައީސް މުއިއްޒު މިހާރު ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ނެއްލައިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ވަނީ މި ފާޑުކިޔުންތަކަށް ރައްދު ދެއްވައިފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އޭޓީއެމް ބެހެއްޓުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ރައްޔިތުންނަށް އެތަކެއް ލުޔެއް ލިބޭނެ މަޝްރޫއެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއެކު ޚިދުމަތް ދިނުން ކަމަށާއި، ބޭންކިން ޚިދުމަތް ކަމުގައި ވިޔަސް، ހަމަހަމަކަމާއެކީ ކޮންމެ ރައްޔިތަކަށް ލިބެންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އޭޓީއެމް ނުހުންނަ ރަށްރަށުގެ ރައްޔިތުން، އޭޓީއެމް ހުންނަ ކައިރި އެހެން ރަށްރަށަށް ގޮސް ފައިސާ ނަގައި، ފައިސާ ޖަމާކުރަން ޖެހުމުގެ ސަބަބުން އެކި ތަކުލީފުތައް ކުރިމަތިވާ ކަމަށެވެ. އެކަމަށް ހައްލެއްގެ ގޮތުން މި ޚިދުމަތް ވެސް ކޮންމެ ރަށެއްގައި ގާއިމުވެފައި ހުރުމުން ފަސޭހަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާ ދަތުރުފުޅުތަކުގައި އެކި ރަށްރަށުގައި އޭޓީއެމްތައް ދަނީ ހުޅުވައި ދެއްވަމުންނެވެ. ނަމަވެސް، ކިތަންމެ ބަޔަކާއެކު ސޮއިކުރުމަށްފަހު ވެސް ހަވާލުކުރާ މަޝްރޫއުތައް ނުހިނގާ ކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ. ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރަށްވުރެ ވެސް މަޝްރޫއުތަކަށް ކުރި ހޭދަ މިއަހަރު ހަތަރު ބިލިއަން ރުފިޔާ ކުޑައެވެ. މިކަމާ ގުޅިގެން ކައުންސިލް އިންތިޚާބާ ގާތްކޮށް، ރަށްރަށަށް ވަޑައިގެން އޭޓީއެމްތައް ހުޅުވަނީ ސިޔާސީ މަގުސަދެއްގައި ކަމަށް އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރެއެވެ.





