ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ފާހަގަކޮށްލެވޭ ލާމަސީލު ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ އިންޖިނޭރުންގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ދިވެހި ސަރުކާރުން ދެއްވާ ”އިންޖިނިއަރސް އެވޯޑް 2026“ 10 ބޭފުޅަކަށް އަރުވައިފިއެވެ.
ބަރސެލޯ ނަސަންދުރާގައި މިރޭ ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެވޯޑްތައް އޭގެ ޙައްޤުވެރީންނަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.
މި އެވޯޑަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި އިމާރާތްކުރުމުގެ ސިނާއަތަކީ މުހިންމު އެއް ސިނާއަތް ކަމަށްވާތީއާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން، ޤައުމީ ފެންވަރުގައި ދެއްވަން ފެއްޓެވި ތާރީޚީ އެވޯޑެކެވެ.
މި އަހަރުގެ އެވޯޑު 10 ގިންތިއަކުން ދިނުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލިއިރު، މިރޭގެ ހަފުލާގައި ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް، އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑް، ޔަންގް އިންޖިނިއަރ އެވޯޑް، ސްޓޫޑެންޓް އިނޮވޭޓަރ އެވޯޑް، ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް، ވިމެން އިން އިންޖިނިއަރިންގ އެވޯޑް، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަދި އިންޖިނިއަރ އޮފް ދަ އިޔަރ އެވޯޑް ވަނީ އަރުވާފައެވެ.
މިރޭގެ ހަފުލާގައި ފާހަގަކޮށްލެވޭ އެވޯޑުތަކުގެ ތެރޭގައި ހިމެނޭ ”އިންޖިނިއަރ އޮފް ދަ އިޔަރ“ އެވޯޑް ހާސިލުކުރެއްވީ ޑޮކްޓަރ ފުރުޤާން އިބްރާހީމެވެ. އަދި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް 3 ބޭފުޅަކަށް އަރުވާފައިވެއެވެ. އޭގެ ތެރޭގައި ޢަބްދުއްޝަކޫރު ޞާލިޙްގެ އިތުރުން، އެ ބޭފުޅުންގެ ހަނދާނުގައި މި އެވޯޑް އެރުވުނު އަލްމަރުޙޫމް އަޙްމަދު މަހުރީން އަދި އަލްމަރުޙޫމް މުޙައްމަދު ރަޝީދު ހިމެނިވަޑައިގަންނަވައެވެ.
އިންޖިނޭރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި އެވޯޑެއް ދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ 30 އޮގަސްޓް 2025 ގައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރި އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ ”ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް“ ކަމުގައި ސަރުކާރުން ހަމަޖައްސަވާފައިވަނީ، ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ ސިނަމާލެ ބުރިޖު އިފުތިތާހުކުރި ދުވަހަކީ އެއީ ކަމަށްވާތީއެވެ.





