މަދު ވަސީލަތްތަކަކާއެކު ރާއްޖެ ކުރިއަށް ގެންގޮސް، ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދިވެހި އިންޖިނޭރުން އަދާކުރަނީ ވަރަށް މުހިންމު އަދި ބޮޑު ދައުރެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ”އިންޖިނިއަރސް އެވޯޑު“ ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހި އިންޖިނޭރުންނަކީ ބައިނަލްއަޤުވާމީ ފެންވަރުގައިވެސް ބަލައިގަންނަ، ފެންވަރު ރަނގަޅު އަދި ކުޅަދާނަ ބައެއް ކަމަށެވެ. އަދި ރާއްޖެއަށް އަންނަ ބޭރުގެ ތަޖުރިބާކާރުންވެސް ދިވެހި އިންޖިނޭރުންގެ ހުނަރުވެރިކަން ފާހަގަކޮށް ތަޢުރީފުކުރައްވާ ކަމަށާއި، އިންޖިނޭރުންގެ މަސައްކަތް ގާތުން ބަލާ ކޮންމެ މީހަކަށްވެސް އެކަން ސާފުވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ތިމާވެށްޓާއި ޖިއޮގްރަފީގެ ގޮތުން ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ރަށްތަކަކީ ބިންތިރި، މުރަކައިގެ ރަށްތަކެއް ކަމަށްވާތީ ތަރައްޤީގެ މަޝްރޫޢުތައް ހިންގަންޖެހެނީ ރާއްޖޭގެ ނާޒުކު ތިމާވެށްޓާ އެކަށޭނެ ގޮތަށް ބައްޓަންކޮށްގެން ކަމަށެވެ. އެގޮތުން އެ މަސައްކަތްތައް ފަރުމާކުރުމުގައި ދިވެހި އިންޖިނޭރުން އަދާކޮށްފައިވާ ފުރިހަމަ ދައުރު ފާހަގަކުރައްވައި ވަޒީރު ވަނީ ހިތްވަރު ދެއްވާފައެވެ.
”އިންޖިނިއަރުންނަކީ ތިއީ މި ޤައުމު ބިނާކުރުމަށް ބުރަ މަސައްކަތްކުރާ ފަހުލަވާނުންނޭ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ފަރުދާގެ ފުރަގަހުގައި ތިޔަ ކުރައްވާ މަސައްކަތް ބަލައިގަތުން،“ ޤައުމު ބިނާކުރުމުގައި އިންޖިނޭރުން ކުރާ ބުރަ މަސައްކަތްތައް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އިންޖިނޭރުންގެ ދުވަހެއް ފާހަގަކުރުމާއި، އެ ފަރާތްތަކަށް ޚާއްސަ އެވޯޑެއް ދިނުމުގެ މައިގަނޑު މަޤްޞަދަކީ އިންޖިނިއަރުންގެ އަގުވަޒަންކުރުން ކަމަށެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ފެށީ މިދިޔަ އަހަރުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އިންޖިނިއަރިންގ ދާއިރާއާ ގުޅުންހުރި މަޢުލޫމާތުތައް ސްކޫލް ކުދިންނަށް އެކަށީގެންވާ މިންވަރަށް ފޯރުކޮށްދެވިފައި ނުވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ފަންނީ މަސައްކަތްތަކަށް ދަރިވަރުން ޝައުގުވެރިކުރުވުމަށް އެފަދަ މަޢުލޫމާތު ފޯރުކޮށްދިނުން މުހިންމު ކަމަށެވެ. އަދި ނިމިދިޔަ އަހަރުގެ އިންޖިނޭރުންގެ ދުވަހުން ފެށިގެން، ރަށްރަށުގައި ހިނގާ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ސްކޫލް ދަރިވަރުންނަށް ފޯރުކޮށްދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
”ކޮންމެ ބަނދަރަކާ، އެއާޕޯޓަކާ، ކޯޒްވޭއަކާ، ހިއްކާ ކޮންމެ ބިމަކީ ދިވެހިރާއްޖޭގެ ތިމާވެއްޓާއި އެއްގޮތަށް ކޮށްފައިވާ މަސައްކަތެއް. މިކަމުގައި ދިވެހި އިންޖިނިއަރުންގެ ދައުރެއް ނެތްކަމަށް ބުނެ ހުނަރުވެރިންގެ އަގު ވަޒަންކުރަން ނޭނގޭ ބަޔަކު އެހެން ބުނިޔަސް، ދިވެހި އިންޖިނިއަރުންނަކީ ކުޅަދާނަ ޤާބިލް ބައެއް،“ ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ، އިންޖިނިއަރސް އެވޯޑު ދިނުމަކީ މި ދުވަހުގެ އެންމެ ޚާއްސަ ހަރަކާތް ކަމަށެވެ. އެގޮތުން މިފަހަރުގެ އެވޯޑަށް ހުޅުވާލި ފުރުސަތުގައި 10 ދާއިރާއަކުން 26 އެޕްލިކޭޝަން ލިބުނު ކަމަށާއި، އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާފައިވަނީ މިނިވަން ޚާއްސަ ކޮމިޓީއަކުން ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދިވެހި އިންޖިނޭރުންގެ އަގުވަޒަންކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރައްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.





