މަސްތުވާތަކެތީގެ އެކި މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެއްގެ ޖީންސްގެ ފައިކުރި ތެރެއިން 50 ގްރާމަށްވުރެ ގިނަ ޑައިމޯފިން ފެނުނު މައްސަލައެއް ސާބިތުވެ، އޭނާ އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ވ. ފެލިދޫ، އަބުގަސްދޮށުގޭ، ސާޖިދު ޢަބްދުލްމުހައިމިންގެ މައްޗަށެވެ. މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މިދިޔަ ޖޫން މަހު މާލެއިން ހައްޔަރުކޮށް ”ވާނުވާ“ ބަންދެއްގައި ހުރި ސާޖިދުގެ މައްޗަށް މި ހުކުމް އައީ މީގެ ތިން އަހަރު ކުރިން ހިނގި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލައެއްގައެވެ.
މި ހާދިސާ ހިނގާފައިވަނީ 10 ސެޕްޓެންބަރު 2021 ދުވަހުގެ ހަވީރު 15:30 ހާއިރުއެވެ. ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މއ. ޓްވައިލައިޓް ކައިރިން ސައިކަލެއްގެ ފަހަތުގައި އިން ސާޖިދުގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާ ލައިގެން ހުރި ޖީންސްގެ ކަނާތްފަރާތު ފައިކުރިއާއި ފަޔާ ދެމެދު ފޮރުވާފައި އޮތް ކޮތަޅެއްގެ ތެރެއިން 50.8562 ގްރާމްގެ ޑައިމޯފިން ވަނީ ފެނިފައެވެ.
ޝަރީޢަތުގެ މަޖިލީހުގައި ސާޖިދުގެ ފަރާތުން ދަޢުވާއަށް އިންކާރުކޮށް ދިފާޢީ ހެކި ހުށަހެޅި ނަމަވެސް، މި މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް އިޙްސާން ނިންމެވީ ސީނަށް ދިޔަ ފުލުހުންގެ ހެކިބަހާއި ’ޗެއިން އޮފް ކަސްޓަޑީ‘ ގެ ލިޔެކިޔުންތަކުން، އެ ތަކެއްޗަކީ ސާޖިދަށް އެނގިހުރެ އޭނާގެ ބާރުގެ ދަށުގައި (ހަގީގީ ހިޔާޒަތުގައި) ހުރި ތަކެތިކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. މަސްތުވާތަކެއްޗާބެހޭ ޤާނޫނު ބުނާގޮތުން 4 ގްރާމަށްވުރެ އިތުރަށް ޑައިމޯފިން ހުރެއްޖެނަމަ އެއީ ޓްރެފިކްކުރުން ކަމަށް ބެލެވޭތީ، އޭނާގެ މައްޗަށް ދައުލަތުން އުފުލި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ވަނީ ސާބިތުވެފައެވެ.
މި ކުށުގެ އަދަބެއްގެ ގޮތުން ކްރިމިނަލް ކޯޓުން ވަނީ ސާޖިދު އުމުރަށް (25 އަހަރަށް) ޖަލަށްލުމާއެކު، 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. މި ޖޫރިމަނާ ފައިސާ ހުކުމް ކުރި ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ޚަލާސްކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މީގެއިތުރުން، މައްސަލައިގެ ތަހުގީގު މަރުހަލާގައި ސާޖިދު ބަންދުގައި ހޭދަކުރި 39 ދުވަސް ޖަލު އަދަބުން އުނިކުރުމުން، އޭނާ ދެން ތަންފީޒުކުރަން ޖެހޭނީ 24 އަހަރާއި 10 މަހާއި 21 ދުވަހުގެ ޖަލު ހުކުމެކެވެ.





