މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި 2.42 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 14 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިއީ މި އަހަރުގެ އޮގަސްޓު މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 24 ޕަސެންޓް އިތުރު އަދަދެއްކަން ވެސް އެ އޮތޯރިޓީން ފާހަގަކުރެ އެވެ.
މީރާއިން ހާމަކުރި ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މި އަހަރުގެ އޮގަސްޓް މަހު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ، މި އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން އޮގަސްޓް ދެ ވަނަ ދުވަހަށް މުއްދަތު އިތުރުކުރަން ޖެހުމެވެ. މީގެ ސަބަބުން ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ ޓެކްސް، ބޭންކް އިންކަމް ޓެކްސް، އަދި ފަރުދުންގެ އާމްދަނީން ނެގޭ ޓެކުހުގެ ގޮތުގައި އެ މަހު ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މީގެ އިތުރުން، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ (ޓީ-ޖީއެސްޓީ) އިތުރުވެފައިވުމަކީވެސް މި މުއްދަތުގެ އާމްދަނީ މައްޗަށް ދިޔަ މުހިންމު ސަބަބެކެވެ. އަދި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ މި އަހަރުގެ އޮގަސްޓު މަހު ރިކޯޑްކުރެވިފައިވާއިރު، ވޭތުވެދިޔަ އަހަރުގެ އޮގަސްޓު މަހު މި ފީ ރިކޯޑްކުރެވިފައެއް ނުވެ އެވެ. ހަމަމިއާއެކު، ވާކް ޕާމިޓް ފީގެ ގޮތުގައި ލިބުނު އަދަދުވެސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވެފަ އެވެ.
އަންދާޒާ ކުރި ވަރަށްވުރެ ޖުމްލަ އާމްދަނީ އިތުރުވުމުގެ ސަބަބުތަކުގެ ތެރޭގައި ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހާއި، އާންމު ދާއިރާގެ ޖީއެސްޓީ އާއި، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ އިތުރުން ބޭންކް އިންކަމް ޓެކްސް ލިބުނު މިންވަރު އިތުރުވުން މީރާއިން ފާހަގަކުރެ އެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ) އެވެ. ޖީއެސްޓީގެ ގޮތުގައި 1.25 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ ޖުމްލަ އާމްދަނީގެ 51.5 ޕަސެންޓެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ ޖުމްލަ އާމްދަނީގެ 20.2 ޕަސެންޓް ނުވަތަ 490 މިލިއަން ރުފިޔާ އެވެ.
އެހެނިހެން މައިގަނޑު ދާއިރާތަކުން ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާއިރު:
- ގްރީން ޓެކްސް: 200 މިލިއަން ރުފިޔާ
- އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 146 މިލިއަން ރުފިޔާ
- ޑިޕާޗާ ޓެކްސް: 144 މިލިއަން ރުފިޔާ
- ވާކް ޕާމިޓް ފީ: 77 މިލިއަން ރުފިޔާ
މީރާއިން ހާމަކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ އޮގަސްޓް މަހު ބަލައިގަނެފައިވާ ޖުމްލަ އާމްދަނީގެ ތެރޭގައި 98.08 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެ އެވެ.





