ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އައްޑޫ ސިޓީ ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވީ، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި މިއަދު ހެނދުނުން ފެށިގެން ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބިގެން އެ އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާތަކާ ގުޅިގެން އެ ސަރަޙައްދުތަކުގެ ހާލަތު ވަރަށް ގާތުން މޮނީޓާކުރަމުންދާ ކަމަށްވެސް އެންޑީއެމްއޭ އިން މަޢުލޫމާތު ދެއްވައެވެ.
މިގޮތުން އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއި ދިވެހި ސިފައިން (އެމްއެންޑީއެފް) އަދި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ. މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، އައްޑޫ ސިޓީ ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މީގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ ދެ މީހުން ހިމެނޭހެން، ޖުމްލަ އަށް މީހުން ދިރިއުޅެމުންދިޔަ ގެއެއްގައި ފެންބޮޑުވެ، އެ ގޭގައި ދިރިނޫޅެވޭ ހާލަތަށް ދިއުމާ ގުޅިގެން، ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެންޑީއެމްއޭ އިން ވަނީ ހާމަކުރައްވާފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ކުރިއަށް އޮތް ވަގުތުތަކުގައިވެސް މޫސުން ގޯސްވާނެއެވެ. އެހެންކަމުން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އެ ސަރަޙައްދަށް ވަނީ ޔެލޯ އެލާޓް ނެރެ، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.





