ބޭރުގެ ޤައުމުތަކުން ހަކަތަ އެތެރެކުރުމަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން، ޤައުމުގެ އެތެރޭގައި ތެލާއި ގޭސް އުފައްދާ މިންވަރު އިތުރުކުރުމަށް އިޓަލީވިލާތުގެ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ. މި ބަދަލާއެކު، ހަކަތަ އުފެއްދުމަށް ބޭނުންވާ ހުއްދަތައް ދޫކުރުމުގެ މަރުޙަލާތައް ވަރަށް ބޮޑަށް އަވަސްކުރުމަށް ވަނީ ނިންމާފައެވެ.
އިޓަލީވިލާތުގެ ބޮޑުވަޒީރު ޖޯޖާ މެލޯނީ ވިދާޅުވީ، އަމިއްލަ ޤައުމުން އުފެއްދެން ހުރި ވަސީލަތްތައް ބޭރުން ގަތުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށާއި، އަމާޒަކީ ޤައުމުގެ ހަކަތައިގެ މިނިވަންކަން ކަށަވަރުކުރުން ކަމަށެވެ. ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު، އިޓަލީގައި މިހާރު އަހަރަކު އުފައްދަނީ އެންމެ 29 މިލިއަން ފީފާގެ ސާފުނުކުރާ ތެލާއި 3 ބިލިއަން ކިއުބިކް މީޓަރުގެ ގޭހެވެ. މިއީ އެ ޤައުމުގެ ޖުމްލަ ބޭނުންތަކާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ. އެހެންކަމުން، ހުއްދަތައް ދިނުމުގައި ކައުންސިލްތަކުން ލަސްވާނަމަ، ސީދާ ސަރުކާރުން ޚާއްޞަ ކޮމިޝަނަރުން މެދުވެރިކޮށް މަސައްކަތްތައް އަވަސްކުރާނެ ކަމަށް އެޤައުމުގެ ހަކަތައިގެ ވަޒީރު ގިލްބަރޓޯ ޕިޗެޓޯ ފްރާޓިން ވަނީ އިޢުލާނުކުރައްވާފައެވެ.
އިޓަލީން ކުރިން އިއާދަކުރަނިވި ހަކަތައަށް އިސްކަންދޭން ނިންމި ނަމަވެސް، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. ޚާއްޞަކޮށް، ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ބައެއް ދަތުރުކުރާ ހުރްމުޒް ކަނޑުއޮޅީގެ ޙާލަތު ގޯސްވުމަކީ ޢާންމު ހަކަތަ އުފެއްދުން އިތުރުކުރަން އިޓަލީއަށް މަޖުބޫރުވި މައިގަނޑު ސަބަބެވެ.
މާރިޗު މަހުން ފެށިގެން ތެލުގެ ޑިއުޓީ ކުޑަކޮށް، ރައްޔިތުންނަށް ލުއިދިނުމަށް އިޓަލީ ސަރުކާރުން މިހާތަނަށް 2.6 ބިލިއަން ޔޫރޯ ހޭދަކޮށްފައިވާއިރު، މިއަހަރު ހަކަތަ އެތެރެކުރުމުގެ ޚަރަދު 60 ބިލިއަން ޔޫރޯއަށް އަރާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. މިއީ ވޭތުވެދިޔަ އަހަރަށްވުރެ ގާތްގަނޑަކަށް 9 ބިލިއަން ޔޫރޯގެ އިތުރުވުމެކެވެ.
މި ބަދަލުތަކާއެކު، އިޓަލީގެ ސަރުކާރު ހިއްސާވާ ”އެނީ“ ކުންފުނީގެ އިތުރުން ދުނިޔޭގެ ބޮޑެތި ކުންފުނިތައް ކަމަށްވާ ”ޝެލް“ އަދި ”ޓޯޓަލް އެނާޖީސް“ އިން އެ ޤައުމުގައި ހިންގާ ހަކަތައިގެ މަޝްރޫޢުތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.





