ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ކޮވިޑް-19 ގެ އެހީގެ ގޮތުގައި ފީފާއިން ދިން ފައިސާ އަމިއްލަ މަންފާއަށް ބޭނުންކުރުމާއި، މަނީ ލޯންޑަރިންގ އަދި ކޮރަޕްޝަންގެ މައްސަލަތަކެއް ސާބިތުވުމާ ގުޅިގެންނެވެ. މީގެ ކުރިން ވެސް މި މައްސަލަތަކުގެ ތަހުގީގަށް އޭނާ ވަނީ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައެވެ.
ފީފާގެ އެތިކްސް ކޮމިޓީން ވަނީ ބައްސާމް އެއް މިލިއަން ސްވިސް ފްރޭންކް (ގާތްގަނޑަކަށް 1.23 މިލިއަން ޑޮލަރު) އިން ޖޫރިމަނާ ކުރުމަށް ނިންމާފައެވެ. މީގެ އިތުރުން، ފީފާގެ ފައިސާއަށް ޚިޔާނާތްތެރިވުމަށް މަގުފަހިކޮށްދީ އެކަން ފޮރުވުމާއި، ފޯޖްކޮށްފައިވާ ލިޔެކިޔުންތައް ބޭނުންކުރުމުގެ އިތުރުން ފީފާގެ މިނިވަން އެތިކްސް ކޮމިޓީއަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން އިތުރު 100،000 ސްވިސް ފްރޭންކުން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި، އެފްއޭއެމްގެ އެކިއެކި ކަންކަމަށް ހަރަދުކުރުމަށް 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި 10،000 ޑޮލަރު ވެސް ވަނީ، ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައެވެ.
ފީފާގެ ކޮވިޑް-19 ރިލީފް ޕްލޭންގެ ފައިސާ ބޭނުންކޮށްގެން އަމިއްލަ ނަމުގައި އެޕާޓްމަންޓެއް ގަތް މައްސަލައާއި، އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ދައުލަތުން ކުރި ދައުވާ އަދި މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ، ބައްސާމް މިހާރު ވެސް ދަނީ ރާއްޖޭގެ ޖަލެއްގައި ޖުމްލަ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
މި މައްސަލައިގައި ފީފާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އެފްއޭއެމްގެ ކުރީގެ ޑިރެކްޓަރ އޮފް ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން، މުޙައްމަދު އަޤީލް ވެސް ވަނީ ފުޓްބޯޅައިގެ އެންމެހައި ހަރަކާތްތަކުން 10 އަހަރު ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކޮށްފައެވެ.





