މާލޭ ބަނދަރުން އޮޔާގޮސް، ސިނަމާލެ ބުރިޖުގެ ތަނބެއްގައި ޖެހުނު ތެޔޮ އުފުލާ ދެ ބޯޓު، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލް މޭލު ބޭރަށް އަޑިއަށް ހިނގައްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވާގޮތުގައި، މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި، ބުރިޖު ދަށުން އޮޔާގޮސް މާލެ އަތޮޅުން ބޭރަށް ދަނިކޮށް އެ ދެ ބޯޓުގައި ތިބި 9 ފަޅުވެރިން ވަނީ ސަލާމަތްކޮށްފައެވެ. އެމްއެންޑީއެފުން ވިދާޅުވީ މިއީ ވަރަށް ބޮޑަށް ބައުވެފައިވާ ދެ ދަގަނޑު ބޯޓު ކަމަށާއި، މި ދެ ބޯޓު ދިޔަވެގެން އަޑިއަށް ގޮސްފައިވަނީ މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން ބޭރަށް ކަމަށެވެ.
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް މި ދެ ބޯޓު އޮޔާދިޔައީ މޫސުން ގޯސްވެ، ނަގިލި ކަހާލުމުގެ ސަބަބުންނެވެ. އެގޮތުން އޮޔާދިޔަ މި ދެ ބޯޓު ގޮސް ޖެހިފައިވަނީ ސިނަމާލެ ބުރިޖުގެ ސުޕަރ ސްޓްރަކްޗަރގެ މައި ތަނބެއްގައެވެ.
މި ހާދިސާއާ ގުޅިގެން ބުރިޖަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށްޓަކައި، ސިނަމާލެ ބުރިޖު އިމާރާތްކުރި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންގ ކުންފުނީގެ ޓެކްނިކަލް ފަރާތްތަކުގެ އެހީތެރިކަމާއެކު ވަނީ ޚާއްޞަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި އިންސްޕެކްޝަނުން ދެއްކި ގޮތުގައި ބުރިޖުގެ ސްޓްރަކްޗަރއަށް އެއްވެސް ގެއްލުމެއް ވެފައި ނުވާކަން ޔަޤީންކުރެވިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ތަނބުތަކުގެ ބޭރުފުށުގައި ކުދި ގެއްލުންތައް ނުވަތަ ”ސަރފެސް ސްކްރެޗް“ ހުރިކަމަށާއި، އެ ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރ ސީއެޗްއީސީ ކުންފުނިން ކުރިއަށް ގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ރަމްޒެއް ކަމަށްވާ ސިނަމާލެ ބުރިޖު ތަރައްޤީކޮށް ރަސްމީކޮށް ހުޅުވާފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. ޖުމްލަ 200 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހެދި 1.4 ކިލޯމީޓަރުގެ މި ބުރިޖު ބިނާކޮށްފައިވަނީ މޫދަށް ޖަހާފައިވާ 7 ތަނބުގެ މައްޗަށެވެ.





