ދަރިވަރުންނަށް އުނގެނުމުގައި ހާސިލުކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި، އަންނަ އަހަރު ކީ ސްޓޭޖް 1 (ގްރޭޑް 1، 2 އަދި 3) ގެ ފޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ މިއަދު ފެށި 8 ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދަރިވަރުން ތަޢުލީމީ މަރުހަލާގައި ހާސިލްކުރާ މިންވަރު އިތުރުކުރުމަށްޓަކައި ފޮތްތަކުގެ ކޮންޓެންޓަށް މިހާރު ވެސް މުހިންމު ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން އަންނަ އަހަރު ކީ ސްޓޭޖް 1 ގެ ފޮތްތަކަށް ބޮޑު ބަދަލެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
”މިއަންނަ އަހަރު ކީ ސްޓޭޖް 1 އަދި ގްރޭޑް އެކެއްގެ ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ. އަޅުގަނޑު މުދައްރިއްސުންނަށް ދަންނަވާލަން ބޭނުންވަނީ، ފޮތްތައް ބަދަލު ކުރެވުނަސް ހަގީގީ ބަދަލެއް އަންނާނީ ތިޔަ ބޭފުޅުން [ޓީޗަރުން] ގެ މަސައްކަތުން،“ ޓީޗަރުންގެ ދައުރު ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތައުލީމީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ސާނަވީ ތަޢުލީމު ނިންމާ ދަރިވަރުންގެ ތެރެއިން މަތީ ސާނަވީއަށް ދާ ކުދިންގެ އަދަދު އިތުރުކުރުމަށް ވެސް ޚާއްސަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
އެގޮތުން، މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މީގެ ކުރިން ސާނަވީ ތަޢުލީމު ފުރިހަމަކުރުމަށްފަހު މަތީ ސާނަވީ ތަޢުލީމަށް ދާ ދަރިވަރުންގެ ނިސްބަތް 40 އިންސައްތައިގައި ހުރި ނަމަވެސް، މިހާރު އެ އަދަދު 50 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމަށް މިނިސްޓަރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވި އެވެ.





