ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައާއި މާދަމާގެ ޖީލުތައް ތަރުބިއްޔަތުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުދައްރިސުން ކަމަށާއި، ގާބިލު އަދި މަސައްކަތަށް ޝައުގުވެރިކަން ހުންނަ މުދައްރިސެއްގެ ދައުރު އެއްވެސް ޓެކްނޮލޮޖީއަކަށް އަދައެއް ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް މިއަދު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ޝަހީދު ޢަލީ ހިނގުމުގައި ހުންނަ ޝަހީދު ޢަލީ ސްކޫލުގައި މިއަދު ފެށި އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން ތައުލީމީ ނިޒާމަށް އިންގިލާބީ ބޮޑެތި ކުރިއެރުންތަކަކާއި އާ ފުރުސަތުތަކެއް ފަހިވަމުންދާ ކަމަށެވެ. އެހެންނަމަވެސް، ޓެކްނޮލޮޖީއަކީ ހަމައެކަނި އުނގަންނައިދިނުމަށް ބޭނުންކުރެވޭ ވަސީލަތެއް ކަމަށާއި، ދަރިވަރުންގެ ކިބައިގައި ހުންނަ ހުނަރުތައް ދެނެގަނެ، އެ ކުދިންނަށް ހިތްވަރުދީ ކުރިއެރުވުމުގައި މުދައްރިސުން އަދާކުރާ ދައުރަކީ އެހެން އެއްވެސް އެއްޗަކަށް ބަދަލުކުރެވޭނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔެއަކަށް ދަރިވަރުން ހޭނުވުމަށްޓަކައި، މުދައްރިސުންނަށް ބޭނުންވާ ވަސީލަތްތަކާއި އެހީތެރިކަން ސަރުކާރުން އަބަދުވެސް ފޯރުކޮށްދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބިދޭ ތައުލީމީ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، ކޮންމެ ކުއްޖަކީވެސް ތަފާތު ހުނަރުތަކަކާއި ގާބިލުކަމެއް ލިބިފައިވާ އަދި ތަފާތު ގޮތްގޮތަށް އުނގެނޭ ކުއްޖެއްކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. އެހެންކަމުން، އުނގަންނައިދިނުމުގެ ވައްޓަފާޅި އެ ތަފާތުތަކަށް ރިއާޔަތްކޮށް ބައްޓަންކުރުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ކާމިޔާބީއަށް ވާސިލުވެވޭ ހަމައެކަނި މަގަކީ އެކަޑަމިކް ތައުލީމު ކަމަށް ދެކޭ ވިސްނުން ބަދަލުކުރަންޖެހޭ ކަމަށާއި، ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް ސިނާއަތްތައް ހަރުދަނާކުރުމަށްޓަކައި ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާއިން ހުނަރުވެރި ޒުވާނުން ބިނާކުރުން މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން މުދައްރިސުންގެ ބުރަ މަސައްކަތް އަބަދުވެސް ވަރަށް ފުރިހަމައަށް ބަލައިގަންނަކަމުގެ ޔަގީންކަން ދެއްވަމުން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، މުދައްރިސުންގެ ފުރިހަމަ ބައިވެރިވުމާއި ޝައުގުވެރިކަމާ ނުލައި ތަންފީޒުކުރެވޭނެ އެއްވެސް ތައުލީމީ ސިޔާސަތެއް އަދި މަންހަޖެއް ނޯންނާނެ ކަމަށެވެ. އަދި މި ފެށުނު ކޮންފަރެންސްގެ ސަބަބުން ތައުލީމީ ދާއިރާއަށް އަގުހުރި ޚިޔާލުތަކެއް ލިބި، ކުރިމަގުގައި އެތައް ދަރިވަރުންނެއްގެ ހަޔާތަށް ހެޔޮ އަދި އުންމީދީ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.





