މި ވޭތުވެދިޔަ 9 ޤަރުނުގައި ދިވެހިން ހާސިލުކުރި ކޮންމެ ނަސްރެއްގެ އަސްލަކީ މާތްވެގެންވާ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މަންސަ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އިސްލާމްދީނުގެ އަލިގަދަ ނޫރުން ދިވެހީންގެ ހިތްތަކަށް އުޖާލާކަން ލިބުނުތާ 900 އަހަރު ވެފައިވާއިރު، ދަރިފަސްކޮޅަކަށް ފަހު ދަރިފަސްކޮޅެއް ދިވެހީން މި ވޭތުކުރީ ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން ކަމުގައި ޤަބޫލުކޮށްގެން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހީންގެ ދިރިއުޅުމުގެ އެންމެހައި ކަންކަމުގައި އިސްލާމީ އުސޫލުތައް އިސްކޮށްފައިވާ މިންވަރު ފާހަގަކުރައްވަމުން ވިދާޅުވީ، ދިވެހިން ދިރިއުޅެމުން އައީ ދިވެހިންގެ އުޅުމާއި އާދަތަކާއި އެންމެހައި މުޢާމަލާތުތަކުގައިވެސް އިސްލާމީ ޘަޤާފަތާއި އުސޫލުތަކުގައި ހިފަހައްޓައިގެން ކަމަށެވެ. އަދި އިސްލާމްދީނާއި މި ޤައުމުގެ މިނިވަންކަމާ ދެކޮޅަށް ނުކުތް ކޮންމެ ދުޝްމަނަކާ ދެކޮޅަށް ދިވެހިން މަސައްކަތްކުރީ ﷲގެ މަގުގައި ޖިހާދުކޮށްގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ހިޖުރީގޮތުން މި ވޭތުވި 9 ޤަރުނު ދިވެހީން ހާސިލުކުރި ކޮންމެ ނަޞްރަކާއި ކޮންމެ ތަމައްދުނަކާއި ކޮންމެ ފާގަތިކަމެއްގެ މައިގަނޑު ސަބަބަކީ އިސްލާމްދީން ކަމަށެވެ. އަދި މި މަތިވެރި ދީނަކީ ދިވެހި ޤައުމުގެ އިއްޔެއާއި، މިއަދާއި އަދި މާދަމާގެވެސް ސަލާމަތާއި ރައްކާތެރިކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ޤައުމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ހިޖުރީ ކަލަންޑަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ.





